ރައީސް ޔާމީން އިއްވެ ހުންނަވާ އުފެއްދި ޕީއެންއެފްގެ ރައީސްކަމަށް އެ މަނިކުފާނު އެކަނި ކުރިމަތިލެއްވުމުން ވޯޓަކަށް ނުގޮސް ޔާމީނަށް މަގާމު ލިބުމާމެދު ގޮތެއް ނިންމާނީ މި މަހު 30 ގައި ބާއްވަން ޕާޓީގެ އާންމު ޖަލްސާގައި ކަމަށް ޕީއެފްއެފް އިން ބުނެއެވެ.
ޕީއެންއެފްގެ ލީޑަޝިޕްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 20 މަގާމަކަށް 55 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. މި މަގާމުތަކަށް މީހުން ހޮވުންވެސް އޮންނާނީ މިމަހުގެ 30 ގައި އޮންނަ އާއްމު ޖަލްސާގައެވެ.
ޕާޓީގެ ލީޑާޝިޕަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސްގެ އިތުރުން ދެ ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލާއި ރަޖިސްޓްރާ، ހަޒާންދާރު، އަދި 14 ސެނެޓު މެމްބަރުން ހިމެނެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑާއިގަތުމަށްމަހު ރައީސް ޔާމީނާއި އުފެއްދުނު ހިޔާލި ތަފާތުވުންތަކަށްފަހު ޔާމީން އިސްވެ ހުންނަނާ ޕީއެންއެފް ރަޖިސްޓްރީކުރީ އޭޕްރީލް 10، 2024 ގައެވެ. އެޕާޓީ އުފައްދަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް އައްޔަންކުރީ ޔާމީނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެއިރު ޔާމީނު ހުންނެވީ ޖަލު ހުކުމެއް އިއްވާ ގޭ ބަންދުގައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެންއެފްގައި ތިބީ 3،046 މެމްބަރުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ތިބެންޖެހެއެވެ.