އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރިވެފައި ނުވާއިރު، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 52.9 ޕަސެންޓެވެ.
މި އިންތިހާބުގައި ވޯޓުލާފައިވަނީ 2139 ފިރިހެނުން އަދި 2371 އަންހެނުންނެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ.
މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން ފޭދޫގެ ވޯޓު ނިމުނު ގޮތަކީ:
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް 1782 ވޯޓް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 615 ވޯޓް
މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.
މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.