މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މިފަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް، ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.
އެދުވަހު 3 އެވޯޑެއް ދިނުމަށް ކަނޑައަޅައި އެ ވޯޑުތަކަށް ކުރިމަތިލުމަށް ފިޝަރީސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.
މި އެވޯޑުތަަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށެވެ.
އެހެން ނަމަވެސް ވީހާވެސް ގިނަ މަސްވެރިންނަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށްޓަކައި ފިޝަރީސް މިނިސްޓްރީން މިހާރު ވަނީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައި އެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ.
އެގޮތުން، ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށް ކުރިމަތިލެވޭއިރު، ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ.
މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި އެވޯޑަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރުމުގެގޮތުން ދިނުމަށް ނިންމާފަވާ އެވޯޑެކެވެ.
ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އައިސް އުފައްދާ ނިޒާމާއި މަސް ފިނިކުރާ ނިޒާމުތައް އިތުރުކުރުމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، މަސްވެރިކަން ކުރާ އުޅަނދުތަކަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އެހީތެރިވުން ހިމެނެއެވެ.
އަދި މަސްވެރިންނަށް ފައިސާ ދޫކުރުން ހަރުދަނާކުރުމުގެ މަސައްކަތުގެ އިތުރުން، މަހުގެ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކޮށް އެކްސްޕޯޓް ކެޕޭސިޓީވެސް ދަނީ އިތުރުކުރަމުންނެވެ.