ވިރާތުގެ ނިއްކުރިއަށް ރޫ އަރުވާލާފައި ބަލައިލި އެވެ. އަމާރާއަށް ބަދަލެއް އައިސްފައިވާކަން އޭނާ ޔަގީންކުރި އެވެ. ހަތަރުކަޅި ހަމަކޮށް ވާހަކަދެއްކުމަކީ އަމާރާގެ އާދައެކެވެ. ނަމަވެސް ޝައްޔާންގެ މޫނަށް ބަލައިލުމަކީވެސް މިވަގުތު އަމާރާއަށް ފަސޭހަކަމެއް ނޫނެވެ.
"ފުށްގުޑީ، މުޅިން ތަފާތު ގޮތަކަށް، ހަރަކާތްތައް މިރޭ ބަދަލުވާންޖެހުނު ސަބަބަކީ ކޮބާ..؟" ޝައްޔާންގެ މޭދަށުގައި ދެއަތް ހުރަސްކޮށްލަމުން ސުވާލުކުރި އެވެ.
"ތިކަހަލަ ނަންނަމުން އަހަންނަށް ނުކިޔާށޭ ބުނީމެއްނުން!" ދެ ލޯ ވައްކޮށްލާފައި އަމާރާ ބުނެލުމުން ޝައްޔާން ގާތަށް ހިނިއައި އެވެ.
އެއްޗެއް ނުބުނެ، ކުރިއަށްވުރެންވެސް ގާތަށް ޖެހިލި އެވެ.
"މަލާމާތްކޮށްފައި ހޭނެކަމެއް ނެތް.. ޝައްޔާންގެ ސަމްވަން ސްޕެޝަލް ކައިރިއަށް ދޭބަލަ..!" ޖުމުލައިގެ ފަހުބައި އަމާރާ ބުނީކަމެއް ނުވަތަ އޭނާގެ ދުލަށް ކެއްނުވެގެން ބޭރުވީކަމެއް ބުނާކަށް ނޭގުނެވެ.
ޖުމުލަ ބޭރުވުމާއެކު ޝައްޔާންއަށް ހަރަކާތެއް ނުގެނެވެނީސް، އަމާރާގެ ދެ ލޯ ބޮޑުވެއްޖެ އެވެ.
"އޯހްހހހ... މައްސަލައަކީ އެ އިންޓަވިއު ދޯ..؟" ވެގެން އުޅޭގޮތް އަދިކިރިޔާ މިއެނގުނީއޭ ބުނެލާފަދައަކުން ޝައްޔާންގެ ބޯ ތަޅުވާފައި އަނގަޔަށް ވައްތަރެއް ޖައްސާލި އެވެ.
"އެހެންވީމަ، އަހަރެންގެ ސަމްވަން ސްޕެޝަލް ކައިރިއަށް ދާންވީ ދޯ..! ރަސްމީ ހުއްދަ ލިބުނީކަމަށް ބަލަންވީތަ..؟" ބުމަ މައްޗަށް ހިއްލާލަމުން ޝައްޔާން ވާހަކަދެއްކީ ސީރިއަސްކަން ހާމަކޮށްލުމަށެވެ.
"އައި ޑޯންޓް ކެއަރ" އަމާރާ ބުނެލި އެވެ.
"ބަޓް ޔޫ ޑޫ..!" އަމާރާގެ ނުތަނަވަސްކަމަށް ލުއެއް ދޭކަށް ޝައްޔާން ގަސްތެއްނުކުރި އެވެ.
ތުން އަނބުރާލާފައި ޝައްޔާންއަށް ފުރަގަސްދިނެވެ.
"ފުށްގުޑީ، ޖެލަސްވީތަ؟" އަމާރާއާއި ދިމާއަށް ގުދުވެލާފައި ޝައްޔާން ސުވާލުކުރީ ލޯބިގޮތަކަށެވެ.
"ހަސަދައަކީ އަހަރެން ދަންނަ އެއްޗެއް ނޫން.." އަމާރާގެ ޖަވާބު ނުހަނު ހުށިޔާރެވެ.
ފެންނަމުންދިޔަ މަންޒަރުގެ ޓެމްޕަރޭޗަރ އަރަމުންދިޔަ މިންވަރުގެ ހުރިހައި މަޖަލެއް ނެގީ ޝައްޔާނެވެ. އަމާރާ ރުޅިއެރުވުމަކީ ފެށުނީއްސުރެންވެސް ޝައްޔާންގެ އުފަލެކެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ، ޝައްޔާން ހޭން ފެށުމުން އަމާރާ ދެ ލޯ އަޅައިލި އެވެ.
ދުރަށް ދިއުމަށް އަމާރާ އެނބުރެލި ވަގުތު، ހުށިޔާރުކަމާއެކު އަމާރާގެ އަތުކުރީގައި ހިފާފައި ޝައްޔާންއާއި ދިމާއަށް ލުއްކިއެއްޖެހި އެވެ. އަމާރާގެ ބުރަކަށި، ޝައްޔާންގެ މޭގައި ޖެހުނު ވަގުތު، ޝައްޔާންގެ މޭގައި އަމާރާ ބޮނޑިކޮށްލީ ހުށިޔާރުކަމާއެކު އެވެ.
"ފޯ ދި ރެކޯޑް،" ޝައްޔާންގެ އަޑާއި ރާގު ކުއްލިޔަކަށް ބަދަލުވެއްޖެ އެވެ. ހިމޭންކަމާއި ސީރިއަސްކަން ނޫނީ އެ އަޑުގައި މިވަގުތު ނުވެ އެވެ. ޝައްޔާންގެ ނޭވާ އަމާޒުވަމުންދިޔައީ، އަމާރާގެ ކަނދުރާއަށެވެ.
"ޚާއްސަ، ނުވަތަ ސްޕެޝަލް އިންސާނެއްގެ ގޮތުގައި އަހަރެންގެ ހަޔާތުގައި މިހާތަނަށް، ފަވާލެވިފައިވަނީ އެންމެ ނަމެއް..! އެ ނޫން އެހެން އެއްވެސް ނަމެއް، ނުވަތަ އެއްވެސް މީހަކީ އަހަރެންގެ ހަޔާތުގައި މުހިއްމު މީހެއް ނޫން..!" ފިރިހެންވަންތަކަމުން ފުރިގެންވީ އަޑުން ޝައްޔާން ބުނެލި އެވެ.
އަމާރާގެ މޭގައި، ހިތް ނެގި ނެގިފައި ބާރަށް ވިންދުޖަހަންފަށައިފި އެވެ. ގައިގެ ހިމަ ލޯލިތަށް ހުރީ ކޮޅަށްޖެހިފަ އެވެ.
އެއީ ކާކުތޯއާއި ކިޔަނީ ކޮން ނަމެއްތޯ ސުވާލުކުރާން އަމާރާ ބޭނުމެވެ. ޝައްޔާންގެ އެ 'ސްޓޭޓްމެންޓްގެ' ހަގީގަތް އެނގެން އޭނާ ނުހަނު ބޭނުމެވެ.
އަމާރާ ބުނެފާނެ އެއްޗަކަށް ޝައްޔާން އިންތިޒާރުކުރި އެވެ.
ނަމަވެސް އިސްކޮޅަށްވުރެން އެތަށް ގުނައެއް ދިގު، 'އީގޯ' އަމާރާގެ ސިކުނޑި ތަޣައްޔަރުކޮށްލައިފި އެވެ. ސީދާސީދާ ސުވާލު ކުރަން އޭނާގެ ސިކުނޑި ދެކޮޅު ހެދުމުން، ދެ ލޯ މަރައިލި އެވެ.
"ބޭނުންގޮތަކަށް، ބޭނުން މީހަކާއެކު އުޅެންވީ، އައްޓަމަސް..!" ދަތްކުނޑިވިކާލާފައި އަމާރާ ބުނެލި އެވެ. ކިތަންމެ ވަރަކަށްވެސް ޝައްޔާންގެ ހިތަށް ތަދުވި އެވެ. ނަމަވެސް އެކަން އަމާރާއަށް ދައްކާން އޭނާ ބޭނުމެއް ނޫނެވެ.
"ފުށްގުޑީ ބޭނުންގޮތެއް.." އަމާރާގެ ކަންފަތު ފޫޅުގައި ތުންފަތުން، ބީހިލަމުން ޝައްޔާން ބުނެލި އެވެ.
ބަސްހުއްޓިފައި ހުރި އަމާރާގެ ހަށިގަނޑު އޭނާގެ ގަޔާއި ދުރުކޮށްލީ ކުއްލިޔަކަށެވެ.
އަމާރާގެ އަތުން ޝައްޔާން ދޫކޮށްލީ، އެ ހަރަކާތް އަމާރާއަށް ދައްކައިލަމުންނެވެ.
ފުރިހަމަވެ ކުރެވެމުންދިޔަ ލޮބުވެތި އިހްސާސް ނެތިކޮށްލައި، ހުސްކަމެއް ހިތަށް ވެރިވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
ހޫނު ވައި ރޯޅިއެއް ހަށިގަނޑުގައި ދައުރުކޮށްލިހެން ހީވުމުން އަމާރާގެ ލޯ މަރައިލި އެވެ. ޝައްޔާން ހިފަހައްޓައިގެން ހުރިތަނުގައި އަމާރާ ފިރުމާލި އެވެ.
ހިނދުކޮޅެއް ކުރީން، އޭނާއަށް ކުރެވުނީ އަމާންކަމުގެ އިހްސާސެވެ. ޝައްޔާންގެ ހިމޭން މޫނަށް އަމާރާ ބަލައިލި އެވެ. އޭނާގެ މޫނާއި ލޮލުގައި ދައުރުވަމުންދިޔަ ސުވާލުތަކާއި ޝަކުވާ، ނުވަތަ އެއްވެފައިވާ އެތައް ވާހަކައެއް ތަރުޖަމާކުރާން އަމާރާއަށް މިވަގުތު ފަސޭހައެއް ނުވި އެވެ.
ފެންނަމުންދިޔަ ޖަޒްބާތާއި، އަމާރާގެ ސިކުނޑި ތަސްވީރު ކުރަމުންދިޔަ ކުލަތަކާއި، މުޖުތަމައުގެ އަޑުތަށް ދޭހަކުރުމަށް އަމާރާ ނުކުޅެދިއްޖެ އެވެ.
އަމާރާ ފަސްއެނބުރުނީ، އަދިވެސް އެއްފަހަރު އޭނާގެ އަތަށް ބަލައިލާފަ އެވެ. މާދަމާއަކީ ޝައްޔާންއަށް ބުރަ ދުވަހެއްކަމާއި، ރަށުން ބޭރަށް ދިއުމަށް ފަތިހުފަތިހާ ފުރަންޖެހޭނެކަންވެސް އަމާރާއަށް އެނގެ އެވެ.
"ޝައްޔާންގެ ފޮށި ހުންނާނި ތައްޔާރުކޮށްފައި" ފަސްއެނބުރިފައި އަމާރާ ބުނެލީ މަޑުމަޑުންނެވެ. ލުއި ހިނިތުންވުމެއް ފިޔަވައި އިތުރު ހަރަކާތެއް ޝައްޔާންގެ ނެތެވެ.
ގޭގެ ދޮރު ލެއްޕޭއަޑު އިވެންދެން ޝައްޔާންގެ ފިޔަވަޅަށް ބަދަލެއް ނާދެ އެވެ.
ޖީންސްގެ ދެ ޖީބަށް އަތް ޖަހައިލައިގެންހުރެ، ހަށި ފުރައި ފުން ނޭވާއެއް ދޫކޮށްލަމުން ޝައްޔާން ދެ ލޯ މަރައިލި އެވެ. ހިތަށް އެރިއެވެ. އެވަގުތަށް އެންމެ މުހިއްމު ސުވާލު އަމާރާ ކުރިނަމަ އެވެ. އެ ސުވާލުގެ ޖަވާބު ދިނުމަށް ޝައްޔާންގެ ލޮލުންބޮލުން ތައްޔާރެވެ. ފޮރުވުމެއް ނުވަތަ، ދިގުދެންމުމެއް ނެތި ސާފު ޖަވާބު ދިނުމަށް، ޝައްޔާންވަނީ ކެއްމަދުވެފައި އެވެ.
ޝައްޔާންގެ ހަޔާތުގައި ސަމްވަން ސްޕެޝަލްއަކީ، ނުވަތަ އެންމެ ޚާއްސަ މަގާމެއް ދެވިފައިވާ އަންހެންކުއްޖަކީ ހަމައެކަނި 'އަމާރާ' އެވެ. އެއީ ދެމީހުން ދެމެދު އޮތް' އެއްބަސްވުމަށްވުރެން' އެތަށް ގުނައެއް އޭނާގެ ކުރިމަތީގައި އަގުހުރި ގުޅުމެކެވެ.
.............
ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތެވެ.
ހޮސްޕިޓަލުގައި އަމާރާ އަވަދިނެތި އުޅުނީ އިމަރޖެންސީ ކޭސްތަކުގައި ތިއޭޓަރގަ އެވެ. ހަމަނޭވާއެއް ލެވޭވަރުވުމުން، ހަވީރު އެއްގަޑީރުގެ ބްރޭކްއެއް ނަގާފައި އޭނާ ދިޔައީ ޝައްޔާންގެ ގެއަށެވެ.
ފެންވަރައި ތާޒާވެލައިގެން ހޮސްޕިޓަލަށް ވަދެ، އޭނާގެ ކެބިންއަށް އައިސް، ބަލިމީހުންގެ ރެކޯޑްތަށް ޗެކްކުރުމުގެ މަސައްކަތް ފެށި އެވެ.
ކުއްލިޔަކަށް ސަމާލުކަން ހޯދީ، ފޯނަށް މެސެޖެއްއައިކަމުގެ އަޑެވެ. ސްކްރީނަށް ބަލައިލުމާއެކު، އޭނާގެ މޫނުން ހިނިތުންވުން ފެނިލި އެވެ.
ޝައްޔާންގެ މެސްޖް ކިތަންމެ ހާވެސް ކުރެވެ.
"ފްރީ..؟" ޑިއުޓީ އަދާކުރަމުންދާ ޒިންމާދާރު ޑޮކްޓަރެއްގެ އެންމެ މިނެޓަކީވެސް ވަރަށް ވަގުތެވެ. އެކަން ޝައްޔާންއަށް އެނގެ އެވެ.
އަމާރާގެ ޖަވާބު ލިޔެލުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
މިއުޅެނީ ހޮސްޕިޓަލުގައި ކަމާއި، ވީ ކީއްތޯ އޭނާ ސުވާލުކުރި އެވެ.
ދެވަނަ މެސެޖްވެސް ވަރަށް ތަފާތެވެ. ކުއްލިޔަކަށް ލިބުނު މެސެޖް އަމާރާ ދެފަހަރު ކިޔައިލި އެވެ.
"ބޭރަށް ނިކުމޭ!" ޝައްޔާންގެ މެސެޖްކުރުމުގެ ސްޓައިލް އަބަދުވެސް ތަފާތެވެ.
ނަމަވެސް މިއަދު އަމާރާ ހައިރާންވާހައި، ތަފާތެވެ.
އެފަދަ މެސެޖްތަކަށް އާންމުކޮށް އަމާރާ ދެކޮޅުހެދިޔަސް، ކުރާންހުރި މަސައްކަތް އެއްފަރާތްކޮށްފައި ހޮސްޕިޓަލްގެ ދޮރުމައްޗަށް ނިކުތެވެ.
އަމާރާގެ ބޮލަށް ގަނޑުފެން ބާލިދީއެއް އަޅައިލިހެން ހީވުމުން، މުޅި މީހާ ހުއްޓުންއެރި އެވެ.
ކަޅުކުލައިގެ ހޫޑީގައި، ލޯ ކަޅު އަވިއައިނެއް އަޅައިގެން، މޫނުމައްޗަށް ވެއްޓޭ ފާޑެއްގެ ތޮތްޕެއްވެސް އަޅައިގެން ޝައްޔާން އެ ހުރީ އޭނާގެ ކާރުގައި ލެނގިލައިގެންނެވެ. އެހެން މީހަކަށް ޝައްޔާންގެ ސޫރަ އެ ގޮތުގައި ފާހަގަކުރާން ނޭގުނަސް، އެތައް ހާސް ބައެއްގެ ތެރެއިން ފުރަގަސް ފެނިލިޔަސް، އަމާރާއަށް ޝައްޔާން އެނގޭނެ އެވެ.
ފެންނަފެނުމަށް ޝައްޔާން އެ ހުރީ ވަރަށް ވަރުބަލިވެ، ފިކުރުބޮޑުވެފަ އެވެ. ނަމަވެސް އަމާރާ ފެނުމާއެކު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔަގޮތް، ފެނުނެވެ. ޝައްޔާންގެ ހާސްކަމާއި، ކަންބޮޑުވުމާއި، ވަރުބަލިކަމާއި އެހެނިހެން ތަކުލީފުތަކުގެ ހައްލަކީވެސް އަމާރާކަން، އޭނާ ގަބޫލުކާންޖެހޭ ކިތަންމެ ހާދިސާއެއް އެދެމެދުގައި ހިނގައިފި އެވެ.
ފިޔަވަޅުތަކަށް ހުއްޓުމެއްނެތި އަމާރަށް ގޮސް ހުއްޓެވުނީ ޝައްޔާންގެ ކުރިމަތީގަ އެވެ.
"ޝައްޔާން ކިހިނެއްވީ؟ ހުރިހައި ކަމެއް ރަގަޅުތަ؟ މިވަގުތު މިތަނަށް އައީ ކީއްވެގެން؟" ފުލުފުލުގައި އަމާރާގެ ސުވާލުތައް އަމުނާލިޔަސް، މިވަގުތު އޭނާގެ އަޑުގައިވަނީ ޝައްޔާންއަށްޓަކައި އޯގާތެރިކަމެވެ.
"އައި ޖަސްޓް... އައި ނީޑެޑް ޓު ސީ ޔޫ..!" އަމާރާގެ ލޮލަށް ބަލައިލަމުން ޝައްޔާން ބުނީ ވަރަށް އަސަރާއެކު އެވެ. ޝައްޔާންގެ ބުނުން އަމާރާ ގަބޫލުނުކުރަނީއެއް ނޫނެވެ. ނަމަވެސް ހުރިހައި ކަމެއް މުޅިން ރަގަޅު ނޫންކަމުގެ ރަނގަބީލު އަމާރާގެ ސިކުނޑީގައި ޖަހައިލި އެވެ.
"ކިހިނެއްވީ..؟' ކުރިއަށް ވުރެންވެސް އޯގާތެރިކަމާއެކު އަމާރާ ސުވާލުކޮށްލި އެވެ.
އަމާރާގެ ލޮލަށް ޝައްޔާން ބަލަހައްޓައިގެން ހުރީ އެ ސުވާލަށް ދޭނެ ރަގަޅު ޖަވާބެއް ވިސްނާންހެން ހީވި އެވެ. ނަމަވެސް އިރުކޮޅަކަށްފަހު، ދެފަރާތަކަށް ބޯ ތަޅުވާލައިފައި ލުއި ހިނިތުންވުމެއް ރައްދުކޮށްލި އެވެ.
"ނަތިންގ، އަހަންނަށް އިނގޭ އަހަރެންގެ ވަށައިގެން ބާރުގަދަ ތޫފާނެއް އެނބުރެމުން ދިއަޔަސް، އަމާރާ އަހަރެންގެ ގާތުގައި ހުރިއްޔާ، ނުވަތަ އަހަރެންގެ ކުރިމަތީން ފެނިލައިފިއްޔާ، ހުރިހައި ބޮލު ރިހުމަކާއި ހާސްކަން ނެތިކޮށްލާނެކަން.. މިހާރު ހިތްހަމަޖެހިއްޖެ!" ފުން ނޭވާއެއްލަމުން ޝައްޔާން ބުނެލީ ލޮބުވެތިކަމާއެކު އެވެ.
ބުނާނެ އެއްޗެއް މިފަހަރު ނޭގުނީ އަމާރާއަށެވެ.
ހިތުގައި ލޯބި އުތުރި އަރަނީ އެވެ. އެ ލަފުޒު ބޭނުންކުރާން ދެމީހުންވެސް ޖެހިލުންވަނީ، ސަބަބުތަށް ހުރީތީ އެވެ. އަމާރާގެ ލޯބި ޝައްޔާންއަށްޓަކައި މިސާލެއްކަމުގައިވެސް ފުދެ އެވެ. މުޅި އުމުރު އެގޮތުގައި ހޭދަކުރާންޖެހުނަސް އަމާރާ ތައްޔާރެވެ. ޝައްޔާންއަށްޓަކައި އަމާރާގެ މުޅި ދިރިއުޅުން ގުރުބާންކުރިތާ ކިތަންމެ ދުވަހެކެވެ.
"ޝައްޔާންގެ ޑިނަރ ހުންނާނީ މޭޒުމަތީގައި ތައްޔާރުކޮށްފައި.. ފެންވަރައިގެން ހޫނުކޮށްލައިގެން ކާލާތި" ލޮބުވެތިކަމާއެކު އަމާރާ ބުނެލި އެވެ.
ޝުކުރުވެރިކަމުން ފުރިގެންވީ ބެލުމަކުން، އަމާރާއަށް ބަލައިލާފައި ޝައްޔާން ހިނިތުންވި އެވެ. އަމާރާގެ ބުނުމަށް އެއްބަސްވުމުގެ ގޮތުން އިޝާރާތްކޮށްލީ ބޮލުންނެވެ.
"ގުޑްނައިޓް، އަމާރާ!" ވަރުބަލިކަމުގެ ތެރެއިން ހިނިތުންވެލާފައި ޝައްޔާން ބުންޏެވެ.
ޝައްޔާންގެ ކާރު، ލޯ ކުރިމަތީން ގެއްލެންދެން އަމާރާ ހުރީ ބަލާށެވެ. (ނުނިމޭ)