މި ފޭރުމުގައި ހިމެނޭ ހަތަރު މީހުން ހޯދިކަން ހާމަ ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ.
މައްސަލައިގެ އިތުރު ތަފުސީލެއް ނުދީ މިނިސްޓަރު ވަނީ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފުކުރައްވާފައެވެ.
ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.