ޑރ. ޝަހީމް މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީއަކީ މި ފަހުރުވެރި އިސްލާމީ ދިވެހިރާއްޖޭގެ ހިތް ކަމުގައި އެވެ.
މިސިޓީގެ އެކި ތަންތަނުގައި ޒަމާނުއްސުރެ މިސްކިތްތައް ބިނާކުރެވިފައިވާ ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކި ޒަމާންތަކުގައި އެކި ފެންވަރުގެ މިސްކިތްތައް މާލޭ ބިނާ ކުރެވިފައިވާ ކަމަށާއި ދައުލަތާއި އަމިއްލަ ފަރާތްތަކުން ވެސް މިސްކިތްތައް ބިނާކޮށްފައިވާ ކަމަށެވެ.
މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައިވާ ކަމަށާއި ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި އިރާދަކުރެއްވިއްޔާ ހުޅުވޭނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގު އިތުރުން މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެ ކަމަށް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެތަން ވެސް ވަނީ ބަޔަކާ ހަވާލުކުރެވިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަރްހަލާ ކަމުގައި އެވެ.
ވިލިމާލެގައި ބާވެފައި ހުރި ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ވެސް ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެތަންވެސް ވަނީ ބަޔަކާ ހަވާލު ކުރެވިފަ ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައި އެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރްހަލާ ކަމަށް އެ މަނިކުފަނު ވިދާޅުވި އެވެ.
ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދައުވާ ސެންޓަރަކާއެކު ހަތަރު ބުރީއަށް ބިނާކުރެވޭ ޒަމާނީ ބޮޑު މިސްކިތުގެ ބިންގާ މާދަމާ (30 އޮކްޓޫބަރު ،2025) އެޅިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް 1 ގައި ހުރި ވަގުތީ މިސްކިތް ހުރިތަނުގައި ވެސް އެދަނީ ބޮޑު ޒަމާނީ މިސްކިތެއް ބިނާކޮށް ނިމެމުން ކަމަށާއި މިހުރިހައި ތަނަކަށް ވަނީ ހެޔޮ އެދޭ ފަރާތްތަކުން ސްޕޮންސަރު ލިބިފައި ވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެއް ކަމަށާއި އެއީ ހެންވޭރު މަސްޖިދު ޢަފީފުއްދީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ ކަމަށާއި މިހުރިހައި މަޝްރޫއަކަށް ގާތް ގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.