ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ބަންދުގެ މުއްދަތު ޖެހުމުގައި ތަފާތު ކުރާތީ ހުށަހެޅި މައްސަލައަށް ފުރުސަތެއް ނުދިން
ޝަރުއީ ކޯޓުތަކުން އެކި ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
Advertisement

އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލީ، ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ހަމަނުވާ ކަމަށް ބުނެ އެވެ.

ކުއްލި މައްސަލާގައި މީކާއިލް ވަނީ ބޮޑެތި ބައެއް މައްސަަލަތަކުގެ ތުހުމަތަށް ހައްޔަރުކުރި ބައެއް މީހުންނަށް ބަންދު މުއްދަތުގެ ގޮތުގައި ވަރަށް ކުރު މުއްދަތުތަކެއް ދީފައި ހުރި މައްސަލަތަކާއި އާދައިގެ ތުހުމަތުތަކުގައި ދިގު މުއްދަތެއް ބަންދަށް ދިން މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދަށް އެންމެ ފަސް ދުވަސް ދީފައި، ކެފޭއަކުން ކައިގެން ފައިސާ ނުދީ ފިލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަސް ދިނުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކަންތައް ވެސް ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ.

އެމްޑީޕީން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ދީފައި، މާލޭގެ ގެެއެއްގެ ފުރާޅުމައްޗަށް އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް އެންމެ ތިން ދުވަސް ދިނުމަކީ ވެސް މިސާލެއްގެ ގޮތުގައި އޭނާ ފާހަކުރެއްވި އެވެ.

ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ކުއްލި މައްސަލައެއް ވާންވާނީ ރައްޔިުތންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެ ކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެ ކަމާ މެދު އެޅި ނުވަތަ ނާޅާ ފިޔަވަޅުތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ މައްސަލައަކަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ށ. ގައި ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވޭ،" މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.

ނަމަވެސް މީކާއީލް ތުހުމަތުކުރެއްވި ގޮތުގައި ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކުރު މުއްދަތަށް ބަންދުކޮށްފައި ކުދި ކުށްތަކުގެ ތުހުމަތުވާ މީހުން ދިގުމުއްދަތަށް ބަންދުކުރުމަކީ އިންސާފުން އެއްކިބާވުމެވެ. މީކާއިލްގެ ކުއްލި މައްސަލައިގައި އެފަދައިން ފާހަގަކުރި ނަމަވެސް ޝަރީއަތުން ބަންދުގެ މުއްދަތު ނިންމަވާއިރު ފަނޑިޔާރުން ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރައްވާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް