ads
ނޭނގި ހިތް ގެއްލުނީ - 38 ވަނަ ބައި
އެޕިސޯޑް 38
Advertisement

ޝައްޔާންގެ އުފަންދުވަހުގެ ދެ ދުވަސްކުރިންނެވެ.

އިށީންދެ އިން ސޯފާގައި ބުރަކަށި ޖައްސާލާފައި މޯޅިއަކަށް ދެމިލަމުން ހަމަޖެހިލި އެވެ. މަސައްކަތަކަށް ގެއްލިފައި އިން އަމާރާއަށް ބަލައިލާފައި ވިސްނާލި އެވެ. 

"ފުށްގުޑީ، ދެ ދުވަހުގެ ޗުއްޓީއެއް ނަގާލަބަލަ.. އެއްވެސް މަސައްކަތެއް ނެތި، އެއްވެސް އިމާރޖެންސިއެއް ނެތި، ހަމައެކަނި އަހަރުމެން ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލަން ހާއްސަ ދެ ދުވަސް އަހަރެން ބޭނުން.." އެސްފިޔައެއްވެސް ޖަހައިނުލައި ޝައްޔާން އިންތިޒާރުކުރީ އަމާރާގެ ޖަވާބަކަށެވެ.

"ހުމްމްމ.. ބަލާނަން އިނގޭ!" އަމާރާގެ އެ ޖަވާބު، ޝައްޔާންއަށް ހިނިތުންވުން ގެނެސްދީފި އެވެ. ފާޅުގައި އިންކާރު ނުކުރީތީ އެވެ.

ޝައްޔާންއަށް ނޭގުނު ހަގީގަތަކީ، މާ ކުރިން އެ ދުވަހަކަށްޓަކައި އެތައްކަމެއް އަމާރާ ރާވަމުންދިޔަކަމެވެ. ޗުއްޓީ ދެ ދުވަހަކީ މާކުރިން ހަމަޖެހިނިމިފައި އޮތްކަމެކެވެ. ނަމަވެސް މިވަގުތު އަމާރާ އެކަން ފާޅުނުކުރީ އެވެ. އަމާރާގެ ހުރިހައި ރޭވުންތަކެއްގެ މަސައްކަތް ފުރިހަމަ އިތުބާރާއެކު ރާވައި، ފުރިހަމަކޮށްދެމުން ދިޔައީ ޝައްޔާންގެ މެނޭޖަރ ތަސްކީން އެވެ. 

"އަހަރެން ބޭނުމީ، މި ހަލަބޮލި މާހައުލާއި ދުރުގައި ދެދުވަސް ހޭދަކޮށްލަން.. އެހެން އެއްވެސް މީހެއްގެ އެއްވެސް ތުރާލެއް އަހަރުމެން ދެމީހުންގެ ވަގުތުތަކަށް، ހުރަހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން.." ޝައްޔާން ބޭނުންވާ ގޮތް ބުނެލި އެވެ. 

"އަހަރެންގެ ޗުއްޓީ އަދި ހަމަނުޖެހޭ.. އެހެންވީމާ ޝައްޔާންގެ ޕްލޭންތަކުގެ ހުވަފެނަށް މާބޮޑަށް ބަރޯސާވުން ރަގަޅެއް ނުވާނެ" އަމާރާ ބުނެލީ އޭނާގެ ފޯނަށް ގެއްލިފައި އިނދެ އެވެ.

"އަހަރެންގެ ބަރތްޑޭގައި އަމާރާ މަސައްކަތެއް ނުކުރާނެ، އަމާރާގެ ޑީންއަށް ގުޅާފައި ބުނޭ އަހަރެން ބުންޏޭ އެ ދެ ދުވަހުގެ ޗުއްޓީ ހަމަޖައްސާށޭ..! އަމާރާއަށް ބުނަން ނުކެރެންޏާއި، އަހަރެން މިހާރު މިގުޅަނީ..!" 

ޝައްޔާންގެ ފޯނު، ކުރިމަތީގައި އޮތް ކޮފީ ޓޭބަލްމަތީން ނަގާފައި ހޮސްޕިޓަލް ޑީންއަށް ގުޅަން ހަރަކާތްކޮށްލި ވަގުތު، އޭނާގެ އަތުން އަމާރާ ފޯނު ދަމައިގަތެވެ. 

މިފަދަ ވަގުތެއްގައި ދެމީހުންގެ ގުޅުމާއިމެދު  އިތުރު އަޑުތަކެއް އަރުވަން ބޭނުން ނުވާތީ، އެކަން އެގޮތަށް ނުކުރުމަށް ޝައްޔާންއަށް އަމާރާ އިރުޝާދު ދިނެވެ.

އަމާރާގެ ބުނުމަށް ޝައްޔާން ދެކޮޅު ހެދުމުން، ދެމީހުންގެ ދެމެދު  ދެބަސްވުމެއް ހިނގި އެވެ. އެއީވެސް އަމާރާގެ ރޭވުމެއްކަން ނޭގުނީ ޝައްޔާންއަށެވެ. 

.................

ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ބެލްކަނީގައި ޝައްޔާން އިނީ އޭނާގެ އޮރެންޖު ޖޫސްތަށި ހިފައިގެން، އައިޕެޑުން މަސައްކަތެއް ކުރާށެވެ. ދާދި ގާތުގައި ތަސްކީން ހުރިކަން އެނގުނީ، އޭނާ ކަރުކެހިލުމުންނެވެ.

"މާދަމާ ހަވީރު ޝޫޓްއެއް އެބައޮތް.." ތަސްކީންގެ ޖުމުލަ ނުނިމެނީސް، ދެ ލޯ ވައްކޮށްލާފައި އޭނާއާއި ދިމާއަށް ޝައްޔާން ބަލައިލައިފި އެވެ.

"މާދަމަ..؟ ސިރިއަސްލީ ތަސްކީ..؟ އިޓްސް މައި ބަރތްޑޭ..! ކެންސަލް ކުރޭ!" ޝައްޔާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. 

"މާގިނަ ވަގުތެއް ނުނަގާނެ.. އެދިފައި އޮތީ، ދެން އަންނާން އޮތް ފިލްމުގެ ޕްރޯމޯއެއް ޝޫޓްކޮށްލަން..!" މޫޑީވެފައި އިން ޝައްޔާންގެ މޫނަށް ބަލަމުން ތަސްކީން ބުންޏެވެ.

"އެހެން ދުވަހަކަށް ހަމަޖެއްސޭތޯ ބެލިންތަ؟" މިފަހަރުގެ ސުވާލު އައީ ތަފާތު ރާގެއްގަ އެވެ.

"ޝައްޔާން ބޭނުމިއްޔާ، އެ ޝޫޓް ކެންސަލްކޮށްލަން އަހަރެން ބުނެފާނަން.." ތަސްކީންގެ ޑައިލޮގު ގެންދިޔައީ އަމާރާގެ ސްކްރިޕްޓާއި އެއްގޮތަށެވެ. އެކަން ނޭގެނީ ޝައްޔާންއަށެވެ.

ޝައްޔާންގެ ޚިޔާލަށްއައީ އިހަށްދުވަހު އަމާރާއާއި ދެމެދު ހިނގި ދެބަސްވުމެވެ. ވިސްނާލުމަށްފަހު، ތަފާތު ނަޒަރަކުން ތަސްކީންގެ މޫނަށް ބަލައިލި އެވެ.

"ނޫނޭ، ކެންސަލް ކުރާނެކަމެއް ނެތް! އަހަރެން މިއީ ބަރތްޑޭ ފާހަގަކުރާވަރުގެ ކުޑަކުއްޖެއް ނޫން" ހިތްހަމަނުޖެހިފައި ބުނެލަމުން އަތުގައި އޮތް އައިޕެޑް އޭނާގެ އުނގުމަތީގައި ބާއްވާފައި ދެ ލޯމަރައިލި އެވެ.

"ކޫލް، ޝޫޓް އޮތީ ސޭންޑްބޭންކްގައި.." ކުއްލިޔަކަށް ތަސްކީން ބުނެލުމުން، ޝައްޔާންގެ ދެ ލޯ ބޮޑުވި އެވެ.

އެއީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް އަމާރާ ގޮވައިގެން ދިއުމަށް ރާވާފައި އޮތް ޕްރައިވެޓް އައިލެންޑެކެވެ. ނަމަވެސް ނާކާމިޔާބުވި، ރޭވުންތަކުގެ ތެރެއިން ޝައްޔާން ހަމަ އެމަންޒިލަށް ދާން މިޖެހުނީ އޭނާގެ މަސައްކަތުގެ ހަލަބޮލިކަމުގެ ތެރެއަށެވެ. ލިބުނީ ފޫހިކެމެވެ. ނަމަވެސް ޝަކުވާއެއް ނެތި، ފޫހިކަމާއެކު ތަސްކީންއަށް އެނގީ ކުރިއަށް ގެންދިއުމަށެވެ.

ވަގުތުން ތަސްކީން މެސެޖްކުރީ އަމާރާ އަށެވެ.

"ޕްލޭން ސަކްސެސް"

....................

ތަސްކީންގެ މެސެޖް ލިބުމާއެކު އަމާރާގެ މޭގައި ފޯނު ޖައްސާލައިގެން ހުރެ އޭނާގެ އެޕާޓްމެންޓުގައި ނަށަން ފެށި އެވެ. 

އަވަސް އަވަހަށް ގޮސް، ފޮށި ތައްޔާރު ކޮށްލާފައި ތަސްކީންއަށް މެސެޖްކޮށްލި އެވެ.

"އޮން މައި ވޭ"

އަމާރާގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. ހިތްގައިމު އެ މަންޒިލްގެ ރޮމެންޓިކް ތައްޔާރީތަކުގެ ތެރެއިން އަމާރާ ފެނުމުން ޝައްޔާންއަށް ވާނެގޮތް މިހާރުވެސް އޭނާއަށް އަންދާޒާކުރެވެ އެވެ. 

...................

'އަހަރެންގެ ރަސްމީ މަސައްކަތެއް ކުރުމަށްޓަކައި، މި ފުރަނީ ރަށުން ބޭރަށް..!  އަހަރެން އެބުރި އައިސް ބައްދަލުކުރާނަން' ބަރު ހިތަކާއެކު ޝައްޔާންގެ މެސެޖް އަމާރާއަށް ފޮނުވާލި އެވެ.

'އޯކޭ، ރައްކާތެރި އަމާން ދަތުރަކަށް އެދެން' ހަމަ އެ ސިކުންތުގައި ޝައްޔާންގެ މެސެޖުގެ ޖަވާބު ލިބިއްޖެ އެވެ.

ހައިރާންވެ އަންތަރީސްވެފައި ޝައްޔާންގެ ފޯނަށް ބަލަހައްޓައިގެން އިނެވެ.

ރަށުން ބޭރަށް ދަނީއޭ ބުނުމުގެ މާނައަކީ، ރާއްޖެން ބޭރަށްކަމެއް ނުވަތަ ރިސޯޓަކަށް ނޫނީ އަތޮޅުތެރެއަށް ޝައްޔާން ފުރަނީކަމެއް ނޭގޭނެ އެވެ. އެކަމަކު އެވަރުވެސް އަމާރާ ސުވާލު ނުކުރީތީ ޝައްޔާންގެ ހިތަށް ތަދުވި އެވެ. ކުއްލިޔަކަށް އަމާރާއަށް އެފަދަ ބަދަލެއް އައުމުން ކުއްވެރިކުރެވުނީ ޝައްޔާންގެ އަމިއްލަ ނަފުސެވެ.

އިތުރު ސުވާލެއް އަމާރާ ނުކުރި ސަބަބާއިމެދު ކިތަންމެ ސުވާލެއް ޝައްޔާންގެ ސިކުނޑިއަށް އޭނާ އަމާޒުކުރި އެވެ. އުފަންދުވަސް ކުރިމަތީގައި އޮތުމުން، އެކަންވެސް އަމާރާއަށް މުހިއްމު ނުވީތި ދެރަވި އެވެ.

ދެމީހުންގެ ގުޅުން 'މަޖުބޫރުގެ ގޮށަކުން ބަނދެލުމަށް' އަމާރާއަށް މަޖުބޫރުކުރީ ޝައްޔާން އެވެ. ދެމީހުންގެ ގުޅުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށް ޝައްޔާން، އަމާރާއަށް ވިސްނައިދޭން ބޭނުމެވެ. ނަމަވެސް ހަގީގަތް، ނުރައްކަލަކަށް ބަދަލުވާނީ ކޮންވަގުތަކުކަމެއް ބުނާކަށް ޝައްޔާންއަށްވެސް އެގެނީއެއް ނޫނެވެ.

...............

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޯންޗް ސޭންޑްބޭންކުގެ ހިތްގައިމު ޖެޓީއާއި ގާތްކޮށްލުމުން، ޝައްޔާން ފައިބައިފި އެވެ. 

އޮއްސެމުންދިޔަ ނަލަ އިރުގެ ދޯދިތަށް އެއިގެ ކުލަތަކުން މުޅި ކާއިނާތު އުޖާލާކުރަމުންދިޔަ ވަގުތެވެ. ސޭންޑްބޭންކަށްވުރެން 'ރޮމެންޓިކް މަންޒިލެއް' މި ރާއްޖޭގައި ވެދާނެކަމާއިމެދު ޝައްޔާން އަބަދުވެސް ސުވާލު އުފައްދަ އެވެ. ޖެޓީއަށް ފޭބުމާއެކު ޝައްޔާންގެ ސަމާލުކަން ހޯދީ، އަތިރިމަތީގައި ހަދާފައިވާ ހިތްގައިމު ހަޓެކެވެ.

ހަޓުގެ ވަށައިގެން ރުކުގެ ފަނާއި އެކި ވައްތަރުގެ މާމެލާމެއްޔާއި ފެއަރީ ލައިޓްސް ބޭނުންކޮށްގެން ޒިނަތްތެރިކޮށްފައިވާވޭ އެވެ. އިޝްގުގެ ލަފްޒާއި އެ ލަފްޒުގައި ހިމޭނޭ އަކުރުތަކާއި ފިލިތައް އެނގޭ ކޮންމެ އިންސާނަކު އެމަންޒިލަށް ހިތް ލެނބޭނެކަން ޔަގީނެވެ. އެފަދަ މަންޒިލެއްގައި ބާއްވާނީ ކޮންކަހަލަ ޝޫޓިންގެ އެއްކަން ޝައްޔާންއަށް އެނގެއެވެ. ނަމަވެސް މިވަގުތު، އަމާރާ ނޫން އަންހެނަކާއެކު އެފަދަ ގާތްކަމެއް ޝައްޔާން ހަގީގަތުގައި ބޭނުމެއް ނޫނެވެ. 

ޝައްޔާންގެ ފޮށި ޖެޓީމަތީން ބާލައިގެން ގެންގޮސް، ހިމުން ދޮންވެލިގަނޑުމަތީގައި ބަހަށްޓާފައި ލޯންޗް ހިގައްޖެ އެވެ. އެއީ އަމާރާގެ އެންގުމެވެ. ދެ ދުވަހަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުރީ، އެތަކެއްޗަށް ހާއްސަކޮށްފައިވާ ޖާގަތަކުގަ އެވެ. ރަށް ބަލަހައްޓާ ސަރުދާރުވެސް އެ ރަށުގައި މިވަގުތު ހުރުން އަމާރާގެ ހުއްދަ ނެތުމުން، ތަސްކީންވަނީ އޭނާއަށްވެސް ދެ ދުވަހުގެ ޗުއްޓީއެއް ދީފަ އެވެ.

ފެންނަމުންދިޔަ ތައްޔާރިތަކާއި، މަރުހަބާ ކިޔައި އޭނާއާއި ހަވާލުވާނެ މީހަކު ނައުމުން ޝައްޔާން ހުރީ ސުވާލު އުފެދިފަ އެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއެކު، ނޭފަތުގައި ޖެހުނު ސެންޓުގެ ވަހަކީ ޝައްޔާންއަށް ފަރިތަ ހިތްގައިމުކަމެކެވެ. ފަސް އެނބުރި ބަލައިލެވުނީ އަތިރިމަތީގައި ހަދާފައިވާ ހަޓާއި ދިމާއަށެވެ. 

އޮއްސެމުން ދިޔަ ރަން އިރުގެ ދޯދީގެ ކުލަތަކުގެ ތެރެއިން ޝައްޔާންއަށް ފެނުނީ ހިތްގައިމު މަޑު ހިނގުމެއްގައި އޭނާއާއި ދިމާއަށް އައި ޗާލު ޕަރީއެކެވެ.

"އަމާރާ..؟؟" ޝައްޔާންގެ ދޫ ހަރަކާތްކުރި އެވެ. ނަމަވެސް އަޑެއް ނުނިކުތެވެ.

ރަތްކުލައިގެ ތުނި ތުނި ހެދުމެއްގައި، ހުސްފައިގައި ހިނގަމުން އައިއިރު، އޭނާގެ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑާއި ސަމާސާކުރަމުންދިޔައީ މަޑުމަޑު ވައިރޯޅި އެވެ. ހާމަޔަށް އޮތް ކަނދުރާއާއި އޮމާން މޫނު ފަރުދާކުރަމުންދިޔަ ފަށުވި އިސްތަށިތަށް ހައްޔާރުކޮށްލުމަށް ޝައްޔާންގެ ހިތް ބުނެލި އެވެ. އޭނާގެ  ދެފައި އެ މިސްރާބަށް ހަރަކާތްކުރާން ފެށި އިރެއް ނުވެސް އެނގެ އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް