ads
މިއަދު ކުރިޔަށް ދިޔަ ރަސްމީޔާތުގެ ތެރެއިން
ދާރުލް އަރްގަމް މަޝްރޫއުއަށް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެހިއްޖެ
ދާރުލް އަރްގަމް އަދި ދާރުއްސަލާމް މަޝްރޫއުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ގެ އިތުރުން ބީއެމްއެލްގެ އެމްޑީ މުހައްމަދު ޝަރީފް އެވެ. 

މި އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިޔައީ މިކަމަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ކޮންފެރެންސް ހޯލްގައި ބޭއްވިގެން ދިޔަ ހާއްސަ ރަސްމީޔާތެއްގެ ތެރެއިން ނެވެ.

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއަދަކީ ވަރަށް ހާއްސަ އަދި އުފާވެރި ދުވަހެއް ކަމަށެވެ. ސަބަބަކީ މި އެއްބަސްވުމުގެ ސަބަބުން ކުރިމަގަށް އެތަށް މަގެއް ހުޅުވިގެން ގޮސްފައި ވުން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

ރާއްޖޭގައި އިސްލާމީ އުސޫލާއި އެއް ގޮތަށް މާލީ މުއާމަލާތްތައް ކުރިއަރުވާ ދަމަހައްޓަން އަދި އިސްލާމިކް މިނިސްޓްރީން ގާއިމްކުރާ ވަގުފް އިމާރާތް އެޅުމަށް ބީއެމްއެލް ދެމުން އަންނަ އެހީތެރިކަމަކީ ވަރަށް މުހިންމު އަދި އެހާމެ އުފާވެރި އަދި ޝުކުރުވެރިވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. 

"ބީއެމްއެލް އިން އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ވަގްފުގެ މަޝްރޫއުއަށް އެހީވާން ނިންމި ނިންމުމަކީ ވަރަށް އިހްތިރާޖީ އަދި ރަނގަޅު ނިންމުމެއް. މި ފަދަ މަޝްރޫއުތައް ހުއްޓިފައިވަނީ އެކަން ކަމަށް ބޭނުންވާ ފައިސާ ނެތީމަ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެކި ފަރާތްތަކުގެ އެހީ ވަރަށް މުހިންމު ކަމަށާއި މި ގޮތަށް ގާއިމް ކުރެވޭ ޕްރޮޕަޓީތަކުގެ ސަބަބުން އެހެން މަޝްރޫއުތައް ފެށުމަށް މާލީ ގޮތުން ފަސޭހަވެގެން ދާކަމުގަ އެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކަށް އިސްލާމީ އުސޫލާ އެއްގޮތްވާ ފައިނޭންސް ފެސިލިޓީ ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށް ޝަހީމް ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލުން މިނޫންވެސް އިސްލާމީ ކަންކަމާއި ގުޅުން ހުރި މުހިންމު ޕްރޮޖެކްޓުތަކުގައި ވަރަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ކަމަށް ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ ބީއެމްއެލުން މިފަދަ ދާއިރާ ތަކަށް އިންވެސްޓު ކުރުމަކީ ދިވެހި މުޖްތަމައުއަށް އަދި މުޅި ދިވެހި ގައުމަށްވެސް ކޮށްދެވޭ އަގުނުކުރެވޭ ވަރުގެ ހިދުމަތެއް ކަމުގަ އެވެ. 

އުންމީދު ކުރައްވަނީ ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މި މަޝްރޫއުތަކުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ކަމަށާއި މި މަޝްރޫއުތައް ނިމުމުން ކުރިޔަށް އޮތްތަނުގައި ފެނިގެންދާނީ ފަހި ދުވަސްތަކެއް ކަމަށް ޝަހީމް ފާހަގަ ކުރެއްވި އެވެ. 

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމާއި އެކު އިސްލާމިކް މިސްޓްރީން ކުރިޔަށް ގެންދާ މި މަޝްރޫއުއަށް ބީއެމްއެލްގެ ފަރާތުން ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ.

ބޭންކްގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަކީ ވަރަށްވެސް މުހިންމުކަމެއް ކަމަށް ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ދީނީ ކަންކަން ކުރިއެރުވުމަށްވެސް ދެމެހެއްޓިނެވި އާމްދަނީއެއް ވަސީލަތްތައް ހުރުން އިންތިހާއަށް މުހިންމު ކަމުގަ އެވެ.

މިފަދަ މަޝްރޫއުތަކާއި ގުޅިގެން މީހުން ބިނާ ކުރެވޭނެ ދާއިރާތައް ބަލާ އެފަދަ ދާއިރާތަކުން މީހުން ބިނާކުރުންވެސް މުހިންމު ކަމަށް ޝަރީފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް