ads
ހޯރަފުށީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް ސޯލިހު އަށް ރޭ އަރުވަނީ - ފޮޓޯ: އެމްޑީޕީ
ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް ސޯލިހުއަށް
ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރޭ އަރުވައިފި އެވެ.
Advertisement

ހޯރަފުށި ދުވަސް ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ސޯލިހުއަށް އެރުވީ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. އެއީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ ކުރިއަރައިގެން، ވަޒީފާގެ ދޮރުކޮޅުތައް އިންތިހާއަށް ހުޅުވިގެން، ތަރައްގީ އާއި ތަމައްދުންގައި މި ރަށް ދިޔައީ ރޯޝަންވެ އުޖާލާވެގެން، އާދެ! ލޮބުވެތި ރައީސް، ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް،" ވަހީދު ވިދާޅުވި އެވެ.

ސިރީނަވަރަންނަ އެވޯޑަކީ "ހޯރަފުށި ދުވަސް" ޖަލްސާގެ އެންމެ ޝަރަފުވެރި އެވޯޑު ވެސް މެ އެވެ. އެ އެވޯޑް ރަމްޒު ކޮށްދެނީ ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި އިއުލާންކުރި އެވެ.

ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯރަފުއްޓަށް ބޮޑެތި ތަރައްގީތަކެއް ފަހިވީ، ސަރުކާރުގައި މަސައްކަތް ކުރި ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަން ފާހަގަކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހިތުން މި ޝަރަފު ހަައްގުވަނީ އެ ހުރިހާ ބޭފުޅުންނަށާ އެކީގައި. އަދި ހާއްސަކޮށް ހޯރަފުއްޓަށް ތަރައްގީ ގެނައުމަށްޓަކައި މި ރަށުގެ ދަރިއެއް ކަމަށްވާ، އޭރު ތިޔަބޭފުޅުން ރައްޔިތުންގެ މަޖިލިހުގައި ތަމްސީލް ކުރައްވަމުން ގެންދެވި އަހުމަދު ސަލީމް ރެއާއި ދުވާލު އެ ކުރެއްވި މަސައްކަތް އެއީ މި ދެކޭ ތަރައްގީގެ ހަމަގައިމު ވެސް އެއް ދަލީލް،" އިބޫ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެކި ދާއިރާތަކުން ހޯރަފުށްޓަށް ހިދުމަތްކޮށްދިން އަދި މަތީ ވަނަތައް ހާސިލުކުރި ހޯރަފުށީ ރައްޔިތުންނަށް އިނާމު ދިނުން ވެސް އޮތެވެ.

ހޯރަފުއްޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން މީހުންނަށް އެވޯޑު ދިނުމަށް ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް