ރައީސް ވިދާޅުވީ މިއަދު ތަންފީޒު ކުރެވިގެން މިދާ މުހިންމު 3 ކަންކަމުގެ ސަބަބުން ގައުމަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމުގަ އެވެ.
މިއަދު ތަންފީޒު ކުރެވޭ 3 ކަންތަކަށް ބަލާ އިރު 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުމުގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން ކުރުން ހިމެނިގެންދެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވަން ކަމަށެވެ.
އަދި، މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވަނީ އިއްޔެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަންނަނީ މިއަދުން ފެށިގެންނެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާާ ޖޮބް މެޓްރިކްސް ވަނީ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ހިމަނާފައެވެ.
އޭގެތެރޭގައި، ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް އެކަމާއި ގުޅޭ ގަވައިދު ނެރެފައިަވނީ އިއްޔެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ އޯގަސްޓު ހދ. ކުޅުދުއްފުށްޓަށާް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.
އޭރު ރައީސް ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ހުއްދަވާނެކަމަށެވެ.
ކަށިމިޔަރު މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެކަމަށެވެ.
އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހެ އެވެ.
ޖެނެރޭޝަނަލް ބޭން ގެ ތާރީހަކީ 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ ފަރާތަތަކާއި،އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ޤާނޫނަށް އަމަލުކުރަން ފަށާއިރު 21 އަހަރު ނުފުރޭ ފަރާތްތަކެވެ.
މިފަރާތްތަކުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ގާނޫނީ ގޮތުން ވަނީ މަނާވެފަ އެވެ.