ads
4000 ފްލެޓަށް ވަދެވުނު އާއިލާއަކުން ދެއްވި ސައިގެ ދައުވަތަށް ރައީސް ސާލިހް އެ ފްލެޓަށް ވަޑައިގެން ބައްލަވާލައްވަނީ
އާ ފްލެޓަށް ވަދެވުމުން، ސައިގެ ފުރަތަމަ ދައުވަތު ރައީސް ސާލިހަށް
ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު އާއިލާއަކުން ފުލެޓަށް ވަދެ ދިން ސައިގެ ދައުވަތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެޑައިގެންފިއެވެ.
Advertisement

މިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބުނު މީހުންނާއި އެތަން ތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައެވެ. މިހާތަނަށް 78 މީހަކާއި ތަޅުދަނޑި ހަވާލުކޮށްފައިވާއިރު ބައެއް އާއިލާތަކުން ވަނީ އެތަނުގައި ދިރިއުޅެން ފަށާފައެވެ. 

އެތަނަށް ބަދަލުވި އާއިލާއަކުން ވަނީ އެކަމުގައި އުފަލުގައި ބޭއްވި ހަވީރުގެ ސަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދައުވަތު އަރުވާފައެވެ. އަދި ސާލިހް ވަނީ އެ ދައުވަތު ގަބޫލުކުރައްވާ އެ ފްލެޓަށް ވަޑައިގެން ހަވީރުގެ ސައި ގައި ބައިވެރިވެޑައިގެންފައެވެ. 

އެ ފްލެޓަށް ރައީސް ސާލިހް ކުރެއްވި ޒިޔާރަތުގައި އެ އާއިލާ ދިރިއުޅޭ އެޕާޓްމަންވަނީ ބައްލަވާލައްވާފައެވެ. އަދި އެ އާއިލާއާ އެކު ވަގުތު ކޮޅެއްވަނީ ހޭދަކުރައްވާފައެވެ. އާއިލާއިން ރައީސް ސާލިހަށް ޝުކުރު ދަންނަވާ ހާއްސަ ކޭކެއް ފެޅު އިރު ފްލެޓް ލިބުމުން ލިބިފައިވާ ހިތްހަމަޖެހުމާއި އުފާވެރިކަން އެއާއިލާގެ މޫނުމަތިން ފެނެއެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަލަހައްޓަމުން އަންނަ 4،000 ފްލެޓު އެ ލިބުނު ފަރާތްތަކާއި ހަވާލުކުރަމުން އަންނަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ހަލާސްކުރުމުންނެވެ. 

4000 ފްލެޓްގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުކުގެ ކުއްޔަކީ 8،000 ރުފިޔާއެވެ. އޭގެތެެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދެނީ 11،000 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމަނައިގެންނެވެ. އެ އެޕާޓްމަންޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަން ޖެހެނީ 25،000 ރުފިޔާއެވެ.

91%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް