ރޫބީ ރަތްކުލައިގެ ނަލަ ހެދުމާއި އަމާރާގެ ފަށުވި އިސްތަށިތަކާއި، ކަނޑުން އަންނަ ވައިރޯޅިކޮށްލާ ސަމާސާއަކީ އޮއްސެމުންދިޔަ އިރުގެ ނަލަ ކުލަތަށް އިސްޖަހައިލާން މަޖުބޫރުކުރުވާ ހިތްގައިމު މަންޒަރެކެވެ.
ލޮލުގެ އެސްފިޔައެއްވެސް ތަޅުވާލުމަށް ނުކުޅެދިފައިވަނީ ޝައްޔާންއެވެ. އޭނާގެ ހާޒިރުގައި ލޮލުކުރިމަތީގައި ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ޚަބަރެއް ނުވަފަދަ އެވެ. އަމާރާގެ މޫނުން ޝައްޔާންގެ ލޮލުގެ ކަޅި ދުރަށް ނުލަ އެވެ.
"ޔޫ ކޭމް..؟" މަޑުމަޑުން ބުނެލި އެވެ.
"މިފަދަ ވަގުތުކޮޅެއް ބޭކާރު ކޮށްލުމުގެ ވިސްނުމެއް ނުވެސް ގެންގުޅެން" ކަޅުއެސްފިޔަތަކުގެ ލަސް ހަރަކާތާއެކު އަމާރާގެ ތުންފަތް ހަރަކާތްކޮށްލި އެވެ. ތާޒާ ފިނިފެންމަލެއްގެ ފިޔައެއް ޝައްޔާންގެ ފިރިހެންވަންތަ އިހްސާސްތަކާއި ގޯނާކޮށްލިފަދަ އެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން، ބޯ ދެފަރާތަކަށް ހޫރުވާލާފައި ފިޔަވަޅު އަވަސްކޮށްލި އެވެ. އަމާރާގެ ކުރިމަތީގައި ހުއްޓުނީ، އަގުބޮޑު ފެޝަން ޝޯވއެއްގައި ފުރިހަމަ މޮޑެލްއެއް ހުއްޓިލާ ފަދައިންނެވެ.
"ދޮގު ހެދީ ކީއްވެ؟"ދަތުރަށް ފުރުމުގެ ހިނދުކޮޅެއް ކުރީން ނަމަވެސް، އަމާރާގެ ސަމާލުކަން ނުލިބުމުން ޝައްޔާންއަށް ލިބުނު މާޔޫސްކަމުގެ ޝަކުވާކޮށްލުމަށް އެއަށް ވުރެން ރަގަޅު ގޮތެއް ނުފެނުނީ އެވެ.
"މަޖުބޫރު..އެހެން ނޫންނަމަ އަހަރެންގެ ޝައްޔާންގެ ފުރިހަމަ ތިޔަ ސިފަ ދެކިލުމުގެ ނަސީބެއް ދުވަހަކުވެސް ނުލިބުނީސް" ލޮބުވެތި ހިނިތުންވުމަކާއެކު އަމާރާ ބުނެލި އެވެ.
ތިރީ ތުންފަތުގައި ދަތްއަޅައިލާފައި ޝައްޔާންގެ އެސްފިޔަތަށް ތިރިކޮށްލި އެވެ. ޖެހިގެން އައި ސިކުންތުގައި މުޅިތަން ވަށައިގެން ބަލައިލި އެވެ.
އެއަށްފަހު އަނެއްކާވެސް އަމާއަށް އޭނާގެ ހުރިހައި ސަމާލުކަމެއް ހުއްޓުވާލި އެވެ. ދެ ފިޔަވަޅެއް ކުރިއަށް އަޅައިލަމުން އަމާރާގެ ތުންފަތަށް ބަލައިލި އެވެ.
"މި ހުރިހައި ތައްޔާރިތަކެއް، ކީއްވެ؟" ދައްކާނެ މާ ބައިވަރު ވާހަކަތަކެއް ޝައްޔާންގެ ދުލަށް ނުވެސް އައީ އެވެ.
އޭނާއަށްޓަކައި މިފަދަ ޚާއްސަކަމެއް އެހެން އެއްވެސް މީހަކު މިހައިތަނަށް ކޮށްފައެއް ނުވޭ އެވެ. އެހެން މީހުން ހިތްހަމަ ޖައްސައިދިނުމާއި، އެހެން މީހުންގެ އުފަލަށްޓަކައި އޭނާގެ ވަގުތާއި ފައިސާ ހޭދަކުރާ މިންވަރުގެ ވާހަކައެއް މިވަގުތު މުހިއްމެއް ނޫނެވެ. ހާއްސަކަމަކީ، އަމާރާގެ ފުރިހަމަ މަސައްކަތެވެ. ޝައްޔާންގެ އުފަލަށްޓަކައި އޭނާ ކުރި ހިތްވަރެވެ.
ޝައްޔާންގެ ހޫނު ނޭވާ ސީދާ އަމާޒުވަމުންދިޔައީ އަމާރާގެ ތުންފަތަށެވެ. ގަދަކަމުން ނަމަވެސް ހިއްސުތަކުގައި ހިލިހިލާ އަޅުވައިގެން އަމާރާ ހިތްވަރުކުރީ އޭނާގެ ރޭވުމާއި އެއްގޮތަށް ކަންކަން ކޮށްލުމަށް ކެތްތެރިވެވޭތޯ އެވެ.
"އަހަންނަކީ މާ މޮޅަށް ވާހަކަދައްކަން އިނގޭ މީހެއް ނޫން.. މި އުފާވެރި ވަގުތުކޮޅަށްޓަކައި ސްޕީޗެއް ތައްޔާރުކޮށްލާންވެސް ނޭގުނު.. އެކަމަކު މިހިތާއި ސިކުނޑި މަޖުބޫރުކުރަމުންދާ އަލްފާޒުތަކަށް ސަމާލުކަމެއް ނުދީ ވާކަށް ނެތް.. ކެތްތެރިކަން ކޮޅުންލައިފި.. މިފަދަ ވަގުތަކަށް ވަރަށް އުއްމީދުކުރިން.. އެކަމަކު ހަގީގަތަކަށް ވެދާނެކަމާމެދު އަބަދުވެސް ސުވާލު އުފެއްދިން.." ދަތްދޮޅި މައްޗަށް ހިއްލާލާފައި ޝައްޔާންގެ ތުންފަތާއި އޭނާގެ ތުންފަތް ސީދާކޮށްލި އެވެ.
އެއްމިޔަކަނުން ހިނިއައިސްފައި ހުރުމާއި، އަމާރާއަށް ގޯނާކޮށްލުމަށް ޝައްޔާން ކުރަމުންދާ ސަމާސާގެ އެއްވެސް އަސަރެއް މިވަގުތު އޭނާގެ މޫނުމަތީގައި ނުވެ އެވެ. އިޝްގުގެ މަސްތުގައި ގެނބެމުންދިޔަ ދެ ހިތުގެ މިއުޒިކުގެ އަޑު ގުޅިގެންދިޔަ ވަގުތުގައި ކުރި ހޯދީ އަމާރާ އެވެ. މަޑުމަޑު ވައިރޯޅީގެ ރާގާއެކު އޭނާގެ މަސްތީ އަޑު އިއްވާލި އެވެ.
''ނުރުހުމާއި ކުދި ގޯނާތަކާއި ނިމުމެއް ނެތް ސަމާސާތަކުން ދެމީހުންގެ ގުޅުން އާރުލައި ހެދެމުންގޮސް، 'ޑީލް'އެއްގެ ތެރޭގައި ބަނދެވިގެން ދިޔައިރުވެސް މިފަދަ ވަގުތެއް އަތުވެދާނެކަމަށް ހިޔެއް ނުކުރަން.. ހިތުގައި ޒައްރެއްގެ މިންވަރުވެސް އަމިއްލަ އިހްތިޔާރެއް ނެތި ޝައްޔާންދެކެ މި ވަރަށް ލޯބި ވެވިދާނެކަމަށްވެސް ހިޔެއް ނުކުރަން.." ހުވަފެނީ ބުނެލުންތަކެކެވެ.
އަމާރާވަނީ ޝައްޔާންގެ ލޯބީގެ ޖަޒްބާތުގައި ރަގަޅަށް ޖެހިފައިކަން ޔަގީނެވެ. މަޑުމަޑުން ބުނަމުންދިޔަ ލޮބުވެތި ބަސްތަކުން ޝައްޔާންގެ ހިތް ބާރަށް ނެގިނެގިފައި ޖެހެނީ އެވެ.
"އެތަށް ބައެއްގެ ދުލާއި ހިތުގައި 'ޝައްޔާންގެ' ނަން، ބިންވަޅު ނެގިފައިވިޔަސް، ފުރަތަމަ ބައްދަލުވުމާއި ހަމައަށް، އަހަންނަށްޓަކައި ތިޔައީ ހަމައެކަނި ނަމެއް.. މަގުތަކާއި ބޮޑެތި އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ ބިލްބޯޑްތަކުން ފެންނަ، ހަމައެކަނި ރީތި މޫނެއް.. ދުވަހަކުވެސް ޝައްޔާންގެ ފިލްމަކަށް ނުވަތަ ތި އަޑަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނުހުއްޓޭ.. ޝައްޔާންގެ 'ގްލެމަރަސް ދުނިޔޭގެ' ކަންކަމަށް އަހަރެންގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތް.. އެކަމަކު ޝައްޔާންގެ ކޮންމެ ބަލައިލުމެއް، ކޮންމެ ނެވާއެއް، ކޮންމެ އިޝާރާތެއް މިއަދު އަހަންނަށްޓަކައި މި ހަށީން ނޭވާލާން ބޭނުންކުރާ އޮކްސިޖަންއެކޭ އެއްފަދައިން މުހިއްމު.. ތި ނަމާއި، ތި މޫނާއި ތި އަޑާއި ނުލައި އެންމެ ދުވަހަކުވެސް ދިރިހުންނާކަށް ދެނެއް ފަސޭހައެއް ނުވާނެ.." އަސަރުން ފުރިގެންވީ ލަފުޒްތަކަކުން އަމާރާ ޝައްޔާންއަށް ދެމުންދިޔަ ޝޮކްތަކުގައި ގުޑާލަން ނޭގި، ގަބުވެފައި ހުރެވުނީ ކިހައި އިރަކު ކަމެއް ޝައްޔާންއަށްވެސް ނޭގެ އެވެ.
އަސަރުގަދަ ދެ ލޮލާއި މަސްތުން ފުރިގެންވީ ހަރަކާތްތަކުން އަލްފާޒްތަށް އަމުނަމުންދިޔަ ދެ ތުންފަތަށް ޝައްޔާން ބަލަހައްޓައިގެން ހުރީ، އާޝޯހްވެފައި އެވެ.
"އެކަމަކު އިޝަރާތެއްވެސް ނެތި، ދެ ހިތެއްގައި އެއް ވިންދެއް ޖަހާލީ ގުދުރަތުގެ ކޮން ރޭވުމެއްގެ ދަށުންކަމެއް ނޭގެ.. މެންދަމެއްގެ އެކެއް ޖެހިއިރު ލިބުނު ފޯންކޯލު އަހަރެންގެ ދުނިޔެ ބަދަލުކޮށްލި.. އެވަގުތުން ފެށިގެން އަހަރެންގެ ދުނިޔެއަށް އައީ ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ، ޒަލްޒަލާއެއް... އިރުއަރިގެން އިރުއޮއްސުމާ ދެމެދު، އަހަރުމެންގެ ދަތް އުނގުޅާ ބުރުހާއި، ދަތްއުނގުޅާ ބޭހުން ފެށިގެން، ފޯނަށް ލިބެމުން ނުވަތަ ފޮނުވަމުންދާ އެކިއެކި ރިއެކްޝަންތަކާއި، ތާކުންތާކު ނުޖެހޭ ޒުވާބުތަކާއި، ދައުވަތެއް ނެތި އަހަރެންގެ މަސައްކަތަށް ހުރަހެއްގެ ގޮތުން ހޮސްޕިޓަލަށް އިރުއިރުކޮޅުން އައުމާއި، މެދު ނުކެނޑި އަންނަ މެސެޖްތަކުން އަހަރެންގެ ކެތްތެރިކަން ކޮޅުންލި، ކިތަށް ދުވަސް ފާއިތުވިކަމެއް ނޭގެ.. މިހުރިހައި ކަމެއްގައި ޝައްޔާން ތަހަންމަލް ކުރުމަކީ އަހަންނަށް ފަސޭހަކަމަކަށް ނޫން.. ވަރަށް ބޮޑަށް ރުޅިގަދަވި ކިތަންމެ ދުވަހެއް މާޒީއަށް ދޫކޮށްލިން.. އެ ދުވަސްތަކުގައި އަހަރެންގެ ރުޅިގަނޑު ކޮށްޓްރޯލްކޮށް މަސައްކަތަށް ފޯކަސްކުރިގޮތް ދެނެވޮޑިގެންވާނީ ﷲތައާލާ.." ހިނިތުންވަމުން އަމާރާ ދެއްކި ވާހައަށް ޝައްޔާންގެ ހިނިކޮންޓްރޯލެއް ނުކުރެވުނެވެ. އަމާރާ ބުނަމުންދިޔައީ ތެދު ހަގީގަތެވެ.
އަމާރާގެ ވާހަކަތަކަށް ނިމެއް ނެތެވެ.
"އަމިއްލަ ހިތަށް ވަމުންދިޔަ ގޮތްތަށް ދަސްކުރާން ނޭގި، 'އެކުވެރިކަމުގެ' ލޭބަލްގައި މި ގުޅުން ދެމެހެއްޓޭތޯ އަހަރެން މަސައްކަތްކުރިން.. މަޑުމަޑުން ކަންކަން ބަދަލުވެ، އަހަރެންގެ ކޮންމެ ދުއާއެއްގައި ޝައްޔާން ޝާމިލްކުރެވެން ފެށި.. ނިންޖާއި އަރާމާއި ވަރުބަލިކަމާއި ކޮންމެ ހިނިތުންވުމެއްގެ އަސްލަކީ ޝައްޔާން ކަމަށް ވެގެން ދިއަ... މިފަދަ ސަބަބުތަކާހުރެ، އަހަރެންގެ އިހްސާސްތަކުގެ ހަގީގަތަށް ވާސިލްވާން މަޖުބޫރުވީ.." އަމާރާގެ ލޮބުވެތި އަޑު އާހްތަކަކަށް ބަދަލުވެއްޖެ އެވެ.
"އަހަރެންގެ އިހްތިޔާރަކާއި ނުލައި، ހިނިތުންވެވެން ފެށީ ޝައްޔާންގެ ނަމުން.. ކޮންމެ ނުތަނަވަސްކަމަކާއި، ބުރަ މަސައްކަތާއި ދިގު ޑިއުޓީތަކަށްފަހު ހަމައެކަނި އުފަލަކީ ޝައްޔާންގެ ސަމާސާތަކާއި، އެކުގައި ހޭދަކުރެވޭ މަދު ވަގުތުތަކުގެ ހަނދާންތަށްކަމަށް ވެގެންދިޔަ.. މިހުރިހައި ކަމެއް ޝައްޔާން އަހަންނަށް ކުރަމުންދިޔައިރުވެސް ހިތުގައި ޖަހަމުންދިޔަ ވިންދުގެ ހަގީގަތެއް ދުވަހަކުވެސް ބުނެ ނުދިން.. އަހަންނަކީ ދުވަހަކުވެސް، ދުވަހަކުވެސް ލޯބީގެ ގުޅުމުން އެއްވެސް މީހަކާއި މެދު ވިސްނި ނުވަތަ އެފަދަ ކަމެއްގައި ޝާމިލްވެފައިވާ ކުއްޖެއް ނޫން.. އަމިއްލަ އިހްސާސްތައް ދެނެގަންނާން މިހައި ދުވަސްނެގި ސަބަބަކީ އެއީކަމަށް ވެދާނެ.. ޝައްޔާން ޔޫސުފް ރައިޒާދް، ލޮލުން ބޮލުން، މިހިތުގެ އެންމެ އަޑިން ލޯބިވެވިއްޖެ.. އެއްވެސް އިހްތިޔާރެއް ނެތި އަހަރެންގެ މި ހިތާއި ފުރާނައިގެ ހަމައެކަނި ވިންދަކީ ޝައްޔާންކަމުގައި ވެ ނިމިއްޖެ.. އައި ލަވް ޔޫ، މައި ލަވް..!''
"އަމާރާ..." ހިކިފައިވާ ކަރުތެރެއިން ޝައްޔާން ހިންދިރުވާލީ ގަދަކަމުންނެވެ. އެސްފިޔަތަށް ހުއްޓިފައިވަނީ ކިހައި އިރަކުން ފެށިގެންކަމެއް އޭނާއަކަށް ނޭގެ އެވެ.
"މި ހިތް ޝައްޔާން ފަތަހަކުރި އިރެއްވެސް ނޭގެ.. އައި ލަވް ޔޫ ސޯ މަޗް، އައި ލަވް ޔޫ..، ހެޕީ ބަރތްޑޭ މައި ލަވް!" އަމާރާގެ ޖަޒްބާތުތަށް ބަންޑުންވަނީ އެވެ.
"ހައހއް..؟" ހިތާއި ސިކުނޑީގެ ވިންދު ދުނިޔޭގެ އޮޔާއިވަޔާއެކު ޖައްވުގެ ތެރޭގައި ނަށަމުންދިޔަ ވަގުތެއްގައި އަމިއްލަ އިހްސާސްތަކުގެ ލިސާނެއްވެސް އިންސާނާއަށް ނުވާނެކަމުގެ ފުރިހަމަ ހެއްކަކީ މިވަގުތު ޝައްޔާންގެ ހާލަތެވެ.
އިވެމުންދާ އަޑުތަކާއި ފެންނަމުންދާ ލޮބުވެތި މަންޒަރު އޭނާގެ ވިސްނުމާއި ސިކުނޑިއަށް ނަގައިގަނެވޭ ވަރަށްވުރެން މާ ފުރިހަމަ އެވެ.
"ސްޕާސްޓަރގެ 'ފޭން'އަކަށް ދުވަހަކުވެސް ވެފައިނުވާ މި ނިކަމެތި އަންހެން ކުއްޖާގެ ލޯބި ގަބޫލުކުރޭ.. ޕްލީޒް މައި ލަވް..!؟ އަހަންނަށްޓަކައި ތިޔައީ ސްޕާރސްޓާއެއް ނޫން.. ހަމައެކަނި، ޝައްޔާން..!" އަމާރާގެ އަޑު ކުރެހިއްޖެ އެވެ.
ދެ ލޮލުން ބިއްލޫރިކޮޅެއް ފަދައިން ވިދަމުންދިޔައީ ސާފު ކަރުނަ ކަމުގެ އިޝާރާތެއް އެދެމެދުގައި ނެތެވެ.
ދެން އައީ ހިމޭން ވަގުތުކޮޅެކެވެ. ހިމުން ދޮންވެލިގަނޑު މައްޗަށް މަޑުމަޑުން ބިންދަމުން ދިޔަ ރާޅުގެ އަޑާއި ދާދި ގާތުގައި ހުރި ހަޓްގައި ބޭނުންކޮށްފައިވާ ފަންވަތްތަކުގެ މިއުޒިކާއެކު ވައިރޯޅީގެ ރާގުތަށް އެދެމެދުގައި، ދައުރުވަމުންދިޔަ ޖަޒްބާތުތަކަށް ފަރުވާއެއްކަމުގައި ފުދުނެވެ.
"ޔޫ ލަވް މީ..؟''
އަމާރާގެ ތުންފަތާއި އަމާޒުވެފައިވާ ޝައްޔާންގެ ތުންފަތް ހަރާކާތްލި މަންޒަރު ނުފެނުނަސް، އެ ކުރި ސުވާލު އަޑުއިވުނެވެ.
"އައި ޑޫ..!"
ބައްދާލުމަކުން އިންސާނެއްގެ ހަށިގަނޑުގެ ކަށިތަށް މުގުރިގެން ދާނެނަމަ، މިވަގުތު އަމާރާ ގެންދާން ޖެހޭނީ އިމަރޖެންސީ ސަރޖެރީއަކަށެވެ.
ޝައްޔާންގެ ބާރުގަދަ ދެއަތުގެ ތެރޭގައި އަމާރާ ހައްޔާރުކޮށްލި އެވެ. ވައިގެ ތެރޭގައި އަމާރާ އުފުލާލައިގެން ބުރުއެޅުނު އަދަދެއް ނޭގެ އެވެ. ހިމުން ވެލިގަނޑުމަތީގައި އަމާރާ ބަހަށްޓާލާފައި، މޫނުގެ ދެފަރާތުން ހިފަހަށްޓާލި އެވެ.
"އަމާރާ ހިތަށްވެސް ނާރާނެ، އަހަންނަށް ތިޔަދިނީ ކިހައިވަރެއްގެ އުފަލެއްކަމެއް.. މުޅި ދުނިޔެ އިންސާނަކަށް މިލުކުވިޔަސް މި އިހްސާސް ނުކުރެވޭނެ.." ދެމީހުންގެ ތުންފަތް ކިރިޔަކިރިޔާ ބީހޭ ނުބީހޭ ހިސާބުގައި ޝައްޔާން އަމާރާގެ މޫނު ހިފަހަށްޓާލަމުން ވާހަކަދެއްކި އެވެ.
"އައި ލަވް ޔޫ.." އެއީ އަމާރާ ބުނެލި ލަފްޒެއް ނޫނެވެ. އާހެއްގެ ގޮތުގައި ދުލުން ބޭރުވީ އެވެ.
ޝައްޔާންގެ އެސްފިޔަތަށް ލައްޕާލެވުނު އިރު އޭނާގެ ތުންފަތުގެ ފުރަތަމަ ހަރަކާތް އަމާރާގެ އެސްފިޔަތަށް ތިރިކޮށްލުވައިފި އެވެ. މަޑުމަޑުންނެވެ. ދެވަނަ ސިކުންތުގައި އެއަށްވުރެން އެތަށް ގުނައެއް ފުން ޖަޒްބާތަކާއެކު ޝައްޔާންގެ ސީދާ ބާރުގެ ދަށުގައި އަމާރާގެ ތުންފަތް ގައިދުކޮށްލައިފި އެވެ. ހަޔާތުގައި ދުވަހަކުވެސް އިހްސާސްކޮށްފައިނުވާ 'ޕްރެޝަރ'އެއްގައި އަމާރާގެ ހިއްސުތަށް ބަނދެވިއްޖެ އެވެ. ޝައްޔާންގެ މުޅި ހަޔާތުގައި އޭނާ ތަޖުރިބާކޮށްފައިނުވާ، ލޮބުވެތިކަމާކާއެކު ލޯބީގެ އޮއެގައި ބެހިގެން ހިނގަށްޖެ އެވެ. ނޭވާލުމަށް އަމާރާ އޮކްސިޖަން ބޭނުންވާނެކަން އެނގުމުން، ދެމީހުންގެ ތުންފަތް ދުރުކޮށްލި އެވެ.
''ބެސްޓް ބަރތް ޑޭ އޮފް މައި ލައިފް'' ނުހަނު ލޯތްބާއެކު ބައްދާލަމުން ޝައްޔާން ބުންޏެވެ. އަމާރާގެ ދެއަތުން ޝައްޔާންގެ ބުރަކަށީގައި ފިރުމާލީ އޯގާތެރިކަމާއެކު އެވެ.
ކަންފަތް ކައިރީން ފެށިގެން އަމާރާގެ ކަނދުރާގައި ޝައްޔާގެ ތުންފަތުން ދެމުންދިޔަ ލޯތްބަކީ، އަމާރާއަށް މުޅިން އައު އިހްސާސްތަކެވެ. ދެ ލޯ މަރައި ތަގުޅިކޮށް ބާރަށް ޝައްޔާންގެ ހަށިގަނޑުގައި ބައްދާލާފައިވަނީ، އޭނާގެ އިހްތިޔާރެއް ނެތި އެ ހަށިގަނޑުގެ ވިނދު ހުއްޓިދާނެތީ އެވެ.
"އައި ލަވް ޔޫ ބޭބީ ގަރލް... އައި ލަވް ޔޫ ސޯ ސޯ މަޗް.. އަހަރެން ބިރުގަތީ، އަހަރުމެން ދެމީހުން ދެމެދު އޮތް ގުޅުމަށް ހުރަހެއް އެޅިދާނެތީ، އެ ލަފުޒް ނުބުނެ މިހުރިހައި ދުވަހު ކެތްކުރީ، މިފަދަ ހަދިޔާއެއް ލިބިދާނެކަމަކަށް ނޫން.." ޝައްޔާން ވާހަކަދައްކަމުން ދިޔައީ ނުހަނު މަޑުމަޑުންނެވެ.
"އަދިވެސް ބިރުގަނޭ..؟" އަމާރާ ސުވާލުކޮށްލީ ޝައްޔާންގެ މޫނުގެ ދެފަރާތުގައި މަޑުމަޑުން ހިފަހަށްޓާލާފަ އެވެ.
"ނޫން، ހުރިހައި ބިރެއް ފިލައިފި" ކުޑަކުއްޖަކު ފަދައިން ދެފަރާތަށް ބޯ ހޫރުވައިލަމުން ޝައްޔާން ބުންޏެވެ.
(ނުނިމޭ)