ފުވައްމުލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ހޮސްޕިޓަލުގައި ސީ.ޓީ ސްކޭންގެ ހިދުމަތް ފަށްޓަވައިދެއްވައި، އެތަން ބައްލަވާލައްވާފަ އެވެ.
އަރިހުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އެ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ފުވައްމުލަކު ހޮސްޕިޓަލްގައި މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ މި ސީޓީ ސްކޭންގެ ހިދުމަތާއިއެކު އެ ހޮސްޕިޓަލުން ބައެއް ހާލަތްތަކުގައި ރިފާކުރަންޖެހޭ ބަލިމީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ.
ސީޓީ ސްކޭނުގެ ހިދުމަތަކީ ބައެއް ބަލިތައް ދެނެގަތުމަށާއި ބައެއް ހާލަތްތައް މޮނިޓާ ކުރުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތެކެވެ. އެގޮތުން ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުން އަވަހަށް ދެނެގަނެވި، ބޭނުންވާ ފަރުވާ އަވަހަށް ފެށުމުގެ ފުރުސަތު ލިބިދެ އެވެ.
12000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ސިއްހީ ހިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ސަރުކާރުން ވަނީ އާ އިމާރާތެއް 2022 އަހަރު ތަރައްގީކޮށްފަ އެވެ.