އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކުއެވެ. އެ ބިލަށް ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން އެވަގުތު ތަޅުމުގައި ތިއްބެވި 10 މެމްބަރުންނެވެ.
އެސްއީޒެޑް ބިލު އަވަސްކޮށް ނިންމުމަށްޓަކައި އިއްޔެ އެ ބިލުގެ މަސައްކަތް ކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓުންނެވެ.
ކޮމިޓީގައި ވަނީ އެ ބިލާއި ގުޅުން ހުރި ދާއިރާތަކާއި ،މަޝްވަރާކުރުމަށް ހުށައަޅާފައެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ހިޔާލު އެ ބިލަށް ހޯދަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާ ބައްދަލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި އެވެ. އަދި ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
އެހެންނަމަވެސް އެ ހުށަހެޅުމާ ދެކޮޅު ހައްދަވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަަރުން މަސައްކަތް ކުރަނީ އެ ބިލުގެ މަސައްކަތް ލަސްކުރަން ކަމަށެވެ. އެހެން ވިދާޅުވެ މިއަދު މިއަދަށް ބިލް ފާސްކުރަން ހުށައެޅުން ޕީއެންސީގެ މެޖޯރިޓީން ވަނީ އިތުރު ބަހުސެއް ނުކޮށް ކޮމިޓީން ބިލް ފާސްކޮށްފައެވެ.
މި ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ ދެމެހެއްޓެނިވި ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުކަމަށެވެ.