މިކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ އެ ރިސޯޓަށް ރައީސް މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތެއްގައި ރިސޯޓުގެ މެނޭޖްމަންޓުންނެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެންފަ އެވެ. އެ ޒިޔާރަތުގައި ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ރިސޯޓު އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ރައީސާ ހިއްސާކޮށްފަ އެވެ. އެގޮތުން ރިސޯޓުގެ ވޯޓާ ވިލާތަކާއި ރެސްޓޯރެންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް، ރިސޯޓު ބަންދުކޮށްފައި އޮތް ނަމަވެސް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުން އައި ކަމަށް މެނޭޖްމަންޓުން ބުންޏެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ 2009 ވަނަ އަހަރު އައްޑޫގައި ހުޅުވި 284 އެނދުގެ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓު ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗް މަހު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ. ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ ރިސޯޓުގެ އެކި ސަރަހައްދުތައް ބައްލަވާލެއްވުމަށް ހާއްސަ ޓުއާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ޓުއާގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ބައެއް މިނިސްޓަރުން އަދި އައްޑޫގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.