ads
ނޭނގި ހިތް ގެއްލުނީ - 40 ވަނަ ބައި
އެޕިސޯޑް 40
Advertisement

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޝައްޔާންއަށް ހޭލެވުނީ ކަނޑުގެ ރާޅުތަށް ހިމޭންކަމާއެކު އައިސް، ގޮނޑުދޮށަށް ބީއްސާލާ މަޑުމަޑު ހިތްގައިމު އަޑަށެވެ. އެއީ ފޫހިކަމެއް ނެތި، އެތަށް އިރަކު އެއަޑުއަހަން އިންސާނަކު އޮތަސް، ފޫހިނުވާނެ ގުދުރަތުގެ ފުރިހަމަ އަޑެކެވެ. 

މަޑުމަޑު ވައިރޯޅިއާއެކު ގުދުރަތުގެ ހިތްގައިމު މިއުޒިކާއި އެއްހަމައެއްގައި ހޫރެމުން ދިޔަ ތުނިތުނި ފަރުދާއަށް ޝައްޔާން ބަލައިލިއެވެ. ހުޅުވާލާފައިވާ ކުޑަދޮރުން ވަންނަމުންދިޔަ ހިތްގައިމު ވައިރޯޅި، ތުނި ފަރުދާތަކާއި ކޮށްލަމުންދިޔަ ސަމާސާގައި އެކުލެވިގެންވާ ހިތްގައިމުކަމަށް ޝައްޔާން ވިސްނާލި އެވެ. 

އަމާންކަމާއި ހިމޭންކަމާއި ހިތްފަސޭހަކަމެވެ. ރާގުރާގަށް ބަރުގޮނުއަޅާ އެކި ޒާތުގެ ވެހިކަލްތަކުގެ އަޑެއް ނެތެވެ. ގަދަމިއުޒިކާއި މަޖުބޫރާއި ނުފޫޒާއި، އަމުރުވެރިކަމެއްގެ ހިލަމެއްވެސް ނެތެވެ. އިއްޔެގެ ރަތްވިލާ އޮއްސެމުންދިޔަ ވަގުތުން ފެށިގެން ހެނދުނުގެ ހިމޭން މިވަގުތާއި ހަމައަށް، އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަގޮތް ޝައްޔާންގެ ލޯ ކުރިމަތީގައި ނިއުޅެލަން ހިންދުކޮޅެއްވެސް ނުނެގި އެވެ. 

އަމާރާގެ އާދަޔާ ހިލާފު  'ސަރޕްރައިޒް'ގެ ކޮންމެ ސިކުންތެއް، ޝައްޔާންގެ މުޅި ހަޔާތުގެ އެންމެ އުފާވެރި ހަނދާންތަށް ކަމުގައި ވެއްޖެ އެވެ. ދެއްކުންތެރިކަމެއް ނެތް، ލޯތްބާއި އޯގާތެރިކަމާއި ފިރުމުންތަކުންނެވެ. 

ހިންދެމިލާފައި ލޯ މަރައިލި އެވެ. ލޯންޗުން ފޭބި ވަގުތު ފެނުނު ހަޓްގެ ތެރޭގައި ހޭދަކުރެވުނު 'ވަގުތުތަކަށް ފަހު' ޝައްޔާންގެ ދެއަތް މަތީގައި އަމާރާ އުފުލާލައިގެން މި ކޮޓަރިއަށް ގެނައި މަންޒަރު އޭނާގެ ސިކުނޑީގައި އެނބުރެލި އެވެ. ހިނިތުންވެވުނީ، ދުވަހަކުވެސް އުވަފެނުންވެސް ނުފެންނަ ވަރުގެ އުފާވެރި ވަގުތުތަކެއް، އަމާރާއާއެކު ހޭދަކުރެވުނީތީ އެވެ.

ގައިމަތީގައި އޮތް ހުދު ފޮތިގަނޑު މައްޗަށް ހިއްލާލައި މެއާއި ހަމައަށް އުފުލާލި އެވެ. ހަމަޖެހިލަމުން، އެނދުގެ އަނެއްފަރާތަށް ޝައްޔާން އެނބުރެލީ އޭނާގެ ހަޔާތުގެ އެންމެ ހިތްގައިމު މަންޒަރު ފެންނާނެކަމުގެ އުއްމީދަކު ނޫނެވެ.

އަރާމު ނިންޖަކުން ނިދާލާފައި ޝައްޔާންގެ ދާދިގާތުގައި އޮތީ އޭނާގެ އަމާރާ އެވެ. ގަދަ ނިދީގެ ސަބަބުން ތުންފަތް ދުރުވެލާފައި އޮތްއިރު، ހޭވިފައިވާ އިސްތަށިތަށް އޭނާގެ މޫނާއި ކަނދުރާގެ ބޮޑުބައެއް ފަރުދާކޮށްފައިވޭ އެވެ. 

ލޯބިވާ މީހެއްގެ ހާޒިރުގެ އާދުވަހަކަށް އިރުއެރުމުގެ އުފަލަކީ މިއީކަމެއް މީގެ ކުރީން ޝައްޔާންއަށް މިފަދަ އިހްސާސަކުން، އަންދާޒާކުރެވިފައެއް ނެތެވެ.

އަމާރާއާއެކު އެއް އެނދެއްގައި ވަނިކޮށް، މި ނޫނަސް ކިތަންމެ ދުވަހެއްގެ އިރު އަރައިފި އެވެ. މެންދަމުގެ ހަނދުގެ ހަނދުވަރުގައި ވަގުތު ހޭދަކުރެއްވިއްޖެ އެވެ. އޮއްސުނުއިރާއި، ހިތްގައިމު ހަނދާއި ބަބުޅަމުންދިޔަ ތަރިތަކުގެ ހާޒިރުގައި އެތަށް ވަގުތެއް، ހޭދަކުރެއްވިޖެވެ. މި ނޫނީ މިފަދަ ބާރުދަގަ ޖަޒްބާތަކުން ޝައްޔާންގެ ކަނދުރާއިން ހީނބިހި ނަގުވާލި ވަގުތުކޮޅެއް އޭނާއަށް ކުރިމަތި ނުވެ އެވެ. ޝައްޔާންގެ މުޅި ދުނިޔެ އެއްކޮޅަށް ލާފައިވެސް އަމާރާ ބޭނުމެވެ.

މަޑުމަޑުން ޝައްޔާންގެ ހަށިގަނޑު ހިއްލާލާފައި އަމާރާއާއި ގާތްވި އެވެ. މޫނުގެ ނަލަކަމަށް ހުރަސް އަޅަމުންދިޔަ، ބަސްނާހާ އިސްތަށިތައް އޭނާގެ އިނގިލިތަކުން އެއްފަރާތްކުރި އެވެ. 

އަމާރާގެ ނިއްކުރީގައި މަޑުމަޑުން ތުންފަތް ޖައްސާލާފައި ބޮސްދިނެވެ. 

"ބެސްޓް ބަރތްޑޭ އެވަރ.." އަމިއްލަ ނަފުސަށް، ނުހަނު މަޑުމަޑުން ޝައްޔާން ބުނެލި އެވެ.

ގަދަ އަޑުތަކާއި، މުއްސަނދިކަމާއި، ދެއްކުންތެރި މޫނުތަކާއި މުނާސަބަތުތާއި ގުޅުން ނެތް ފާޑުފާޑުގެ ހެދުންތައް އަޅައިގެން ތިބޭ، ބަޔަކު ޝައްޔާންގެ ވަށައިގެން ނެތި، ލޯތްބާއި ގުދުރަތުގެ އަމާންކަމުގެ ތެރޭގައި އުފަސްދުވަސް ފާހަގަކޮށްލަން ލިބުނު މިއީ ފުރަތަމަ ފަހެރެވެ. ޝައްޔާންއަށްޓަކައި ހަދިޔާ މިކުރެވުނީ، ކިހައިވަރެއްގެ ހިތްހަމަޖެހުމެއް ކަމުގެ ހަބަރެއްވެސް އަމާރާއަށް ނުވެ އެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ފިކުރުތަކުން އެއްކިބާވެގެން އަމާރާ ނިދާލާފައި އެ އޮތީ މައުސޫމް ކުޑަކުއްޖަކު ފަދައިންނެވެ. 

"އަމާރާ.."

މަޑުމަޑުން އެ ނަން ޝައްޔާން ކިޔާލި އެވެ. 

ހިނިތުންވުން އޭނާގެ މޫނުމަތީން ފަނޑުނުވެ އެވެ. ހިތް ފުރެންދެން އަމާރާއަށް ބެލި އެވެ.

"އައި ލަވް ޔޫ، ބޭބީ ގަރލް" ޝައްޔާންގެ އަޑު ކިތަންމެ މަޑުވެފައި، ސިއްރުކުރިއަސް އެ އަޑަށް އަމާރާގެ ހިއްސުތަކަށް ދިރުން ލިބިއްޖެ އެވެ. 

"ގުޑް މޯނިންގ، ސްޕާސްޓަރ" ނިދި އަޑަކުން، ދުވަހުގެ ތަހްނިޔާ އަމާރާ ރައްދުކޮށްލީ ރޭގެ ހުރިހައި 'އުފަލެއްގެ' ލަދުވެތިކަން އޭނާގެ މޫނުގެ ކުލަ ފިނިފެންމާ ކުލައަށް ބަދަލުކޮށްލި ވަގުތު އެވެ. 

"ގުޑު މޯނިން، ޑޮކްޓަރ-ވިތް-އަ-ރޮމެންޓިކް-ސައިޑް" ކުރިއަށްވުރެންވެސް އަމާރާއި ގާތްވެލަމުން ޝައްޔާން ސަމާސާކޮށްލި އެވެ.

"މިވަގުތުކޮޅު ހަރާބުކޮށްނުލާ.." އެސްފިޔަތަށް ލައްޕާލަމުން އަމާރާ ބުނެލިއިރު އޭނާގެ ކޯތާފަތުން ހޫނުކަން އިހްސާސްވާން ފަށައިފި އެވެ.

"އޯކޭ.. އަހަރެން ހީކުރީ ވަރަށް ވަރުބަލިވެފައިކަމަށް.. އެކަމަކު ހީކުރެވުނީ މުޅިން ގޯސްކޮށް.. ސޯ ލެޓްސް.." އަމާރާ ގެނެސް، ޝައްޔާންގެ އަތުގެ ތެރޭގައި ހައްޔާރުކޮށްލި އެވެ.

..........................

ގަޑީގެ ކަށި ހަވީރުގެ ހަތަރެއް ފަހަނައަޅާ ދިޔައިރުވެސް ދުނިޔޭގެ އަލިކަމަށް ބަދަލެއް ނާދެ އެވެ. ގަދަ އަވީގައި އަމާރާގެ އަތުގައި ހިފައިގެން ޝައްޔާން ހިނގަމުންދިޔައީ ސޭންޑްބޭންކުގެ ގޮނޑުދޮށުގެ ހިމުން ދޮންވެލި މަތީގަ އެވެ. 

ދޭތެރެއަކުން ގާތްކޮށްލާފައި ބައްދާލުމާއި މޫނުގައި ބޮސްދިނުންފަދަ ލޮބުވެތި ހަރަކާތްތަކަކީ މިއަދު ޝައްޔާންގެ ހިއްސުތަކުގައި ތަޅުއަޅުވައި ހިންދިރުވާލަންޖެހޭ ކަންކަމެއް ނޫނެވެ. އޭނާގެ ވަށައިގެން މިނިވަންކަމާއި ހިތްފަސޭހަކެމެވެ. މުޖުބޫރު އަމުރުތަކާއި، ފިލަންޖެހޭ ލޯތަކެއް ނެތެވެ. އެހެން ބައެއްގެ ވިޔަފާރިއާއި މަގުބޫލުކަމަށްޓަކައި އޭނާ ވިސްނާންޖެހޭ ނުވަތަ ފަރުވާތެރިވާންޖެހޭ އެއްކަމެއްވެސް ނެތެވެ. ހުސްފައިގައި ހިނގަމުންދިޔައީރު، ހިމޭން ރާޅުތައް ދެ ބައިވެރިންގެ ހިއްސުތަކަށް ލޯބީގެ އެތަށް ޖަޒްބާތެއް ގެނެސްދެމުންދިޔަ އެވެ. 

އަމާރާ ވިސްނަމުން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހަޔާތް ބަދަލުވެގެންދިޔަ 'ހާދިސާ'އާއި މެދުގަ އެވެ. 

"މިއީ ހަގީގަތެއްހެން ހިޔެއްވެސް ނުވޭ.." އަމާރާގެ އަތް ގެނެސް ޝައްޔާންގެ ތުންފަތުގައި ޖައްސައިލަމުން ބުންޏެވެ.

"މާނައަކީ..؟ ހަގީގަތެއްކަމަށް ގަބޫލުނުކުރެވެންވީ ކީއްވެ؟" ޝައްޔާންގެ ލޮލަށް ބަލައިލަމުން އަމާރާ ސުވާލުކުރި އެވެ.

"އަހަރެން ވަށައިގެން، ފޭކް ހިނިތުންވުންތަކާއި، ނުސީދާކޮށް ގާތްވާން މަސައްކަތްކުރާ ޒުވާން އަންހެންކުދިން، ނޫނީ އެކި އުމުރުގެ ފޭންސް، ބޮނޑިނުވާނެކަމަށް، ފުރިހަމަ ސިފައިގައި މިނިވަންކަމާއެކު ގެއިން ބޭރަށްވެސް ނުނިކުމެވޭ.. އަހަރެންގެ މަޝްހޫރުކަމާއި މަގުބޫލުކަމާއި ކުރާ މަސައްކަތަށް ފަރުވާލެއް ނެތި، ހަމަ އެކަނި އަހަރެން 'ޝައްޔާން' މުހިއްމުވި އިންސާނަކީ ތިއީ...! ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ލޯބިވާ، އަދި އަހަރެން ދެކެ ލޯބިވާ ކުއްޖަކާއެކު މިގޮތަށް ވަގުތުތަށް ހޭދަކޮށްލުމުގެ ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރު .. ތެންކިޔު މައި ލަވް!" ޝައްޔާން ވާހަކަދެއްކީ ވަރަށް ހިތްހަމަޖެހިގެންނެވެ.

"އެކްޓަރެއް ނުވަތަ ސްޕާސްޓާރެއް ދެކެ ނޫން ލޯބިވީ.. މި ހިތް ލަންބުވާލުމުގެ ގާބިލްކަން ފުރަތަމަ ފަހަރަށް ލިބިގަތް އިންސާނަކީ، މެންދަމުގެ އެކެއް ދޭއް ޖަހާއިރު އެމަރޖެންސީ ކޯލް ކޮށް، ރެއާއި ދުވާލުން ކޮންމެވެސް ވަގުތުކޮޅެއް ހޯދައިގެން އަހަރެން ރުޅިއަރުވާލާނެ ސަބަބެއް ހޯދާ، ހަމައެކަނި ތިޔަ އިންސާނާ..!  ހައްދެއް ނެއް މިންވަރަށް ލޯބިވެވިއްޖެ..!" ލޯތްބާއެކު ހިނިތުންވަމުން އަމާރާ ބުނެލި އެވެ.

"ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ.. އަމާރާއަށް އިނގޭދޯ އަހަރެންގެ ފިނޑިކަމާއި، މޮޔަކަން..؟ މަޖުބޫރީ ހާލަތެއް ކުރިމަތިވެއްޖެނަމަ ރަގަޅު ނިންމުމެއް ނިންމުމުގެ އެއްވެސް ގާބިލުކަމެއް އަހަރެންގެ ކިބައިގައި ނުހުންނާނެ.. އަހަރެންގެ މަންމަ ކަމެއް މަޖުބޫރުކޮށްފިއްޔާ، އެކަމަކަށް ނޫނެކޭ ބުނާނެ ހިތްވަރެއް މިހާތަނަށް އަދި ނުލިބޭ... އެއިގެ ފުރިހަމަ ފައިދާ އަބަދުވެސް މަންމަ ނަގާނެ.. މަންމައާއެކު ދިރިނޫޅެން ނިންމި ސަބަބަކީވެސް އެއީ.. އެކަމަކު އަހަރެންގެ އެންމެ ސެލް އެއްވެސް މަންމައާއި ދެކޮޅަށް ގުޑާވެސް ނުލާނެ.. އެ ހިތްވަރު އަހަރެން ގަޔަކު ނެތް! އަމާރާގެ ދިރިއުޅުން އަހަރެންގެ މަޖުބޫރުގެ ތެރެއަށް ގެނައީވެސް އެފަދަ ދުވަހެއް އަތުވެދާނެތީ.. ރަގަޅު ވަގުތު އަންނާންދެން އަހަރެން ވަގުތު ބޭނުން.. ޝަކުވާއެއް ނުކުރިއަސް، އަންހެން ކުއްޖަކަށް ކުރާނެ އަސަރާއި، އުއްމީދުތަށް ހުންނާނެ ގޮތް، އަހަންނަށް އިނގޭ.. ޕްލީޒް އަމާރާ.. މަންމަގެ މަޖުބޫރުން، އަހަރެންގެ ކަންދުރާ ތިރިކޮށްލާންޖެހޭވަރުގެ ވަގުތެއް އަޔަސް، ކޮންމެ ހާލެއްގައިވެސް އަހަރެން ދޫކޮށްނުލާތި!" ޝައްޔާން ދުވަހަކުވެސް ނުދައްކާފަދަ ވާހަކައެއް ދެއްކުމުން އަމާރާ ޖެހިލުންވި އެވެ.

ނަމަވެސް ވަގުތާއި ހާލަތުގެ އުފާވެރިކަން ފަނޑުވާކަށް އަމާރާ ނޭދެ އެވެ.

"މިހައި ދުވަސް ވީއިރު، އެކަން ޝައްޔާންއަށް ގަބޫލުކުރެވެންވާނެ.. އަހަރެން ހުންނާނީ ޝައްޔާންއާއެކު..!" އަމާރާގެ ހިތުގައި އުފެދުނު ބިރުވެރިކަން ޝައްޔާންއަށް ފާހަގަކުރެވެން ބޭނުން ނުވުމުން، އަމާރާގެ ދެއަތުން ޝައްޔާންގެ ކަނދުރާ ވަށައިލި އެވެ.

އިރުގެ ދޯދިތަކުން، ރަތްވިލާގެ ކުލަތަށް ދުނިޔޭގެ ފަޒާ އުޖާލާންކޮށްލާންދެން އަމާރާ، ހޭދަކުރީ ޝައްޔާންއާއެކު ހިމުން ދޮންވެލީގެ އެ ހިތްގައިމު ގޮނޑުދޮށުގަ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް