ސަރުކާރުންވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ވާދަވެރި ބިޑަކަށް ނުގޮސް ވަކިވަކި ކުންފުނިތަކަށް އެވޯޑްކޮށްފައިވާ މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ، ދ. މީދޫގައި 25 ހައުސިންގ ޔުނިޓް އެޅުން ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ކިޔާ ކުންފުންޏަކާއެކެވެ. އެ ޕްރޮޖެކްޓްގެ އަގަކީ، 33،750،000 ރުފިޔާއެވެ.
މީދޫގައި 25 ހައުސިންގ ޔުނިޓް އެޅުން 33،750،000 ރުފިޔާއަށް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު، މީދޫއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ މ. މުލަކުގައި 50 ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓް އޮކްސްރޯ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 32،400،000 ރުފިޔާއަށެވެ. މާނައަކީ، މީދުގައި އަޅާ ކޮންމެ ޔުނިޓަކަށް މުލަކުގައި ދެ ޔުނިޓް އަޅާއިރުވެސް ޕްރޮޖެކްޓްގެ އަގު ހެޔޮވުމެވެ.
އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ބުރާސްފަތި ދުވަހުނބް ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި ފައިސާގެ މައްސަލައެއް ނުޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.