މި ދަތުރުފުޅަކީ ސައުދީ އަރަބިއާގެ ހައްޖު އަދި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ 1447 ވަނަ އަހަރުގެ ހައްޖުގެ ކަންކަން ރާއްޖެއަށް ހަމަޖެއްސުމަށްޓަކައި ސައުދީ ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއިކުރުމެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝަހީމް، ސައުދީގެ ހައްޖު މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދިވެހި ހައްޖާޖީންނަށް މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު އެއް ފަސޭހަ ކަމަށްވާ "މައްކާ ރޫޓު އިނީޝިއޭޓިވް" އާ ގުޅޭ ގޮތުން އެކަމާ ބެހޭ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ އާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި ސައުދީގައި ބާއްވާ ހައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، ފަސް ވަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ވެސް ޝަހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖެ އާއި ސައުދީ އަރަބިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެގޮތުން، 1446 ވަނަ އަހަރުގެ ހައްޖުގެ ކަންކަމުގައި ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުން ރާއްޖެ އިސްތިސްނާކޮށް، "މައްކާ ރޫޓު އިނީޝިއޭޓިވް" ގައި ރާއްޖެ ހިމެނުން ފާހަގަކޮށްލެވެ އެވެ. މި ފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދިވެހި ހައްޖާޖީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.