މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާން އަލްރަބީއާ އެވެ.
މި އެއްބަސްވުމުގެ ދަށުން، އަންނަ ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ އުސޫލުތައް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، ހައްޖުގެ ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމުތަކާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިތަކުން އަމަލުކުރަންޖެހޭނެ މިންގަނޑުތައް މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން، ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖާޖީންގެ ކަންކަން ގާތުން ބެލެހެއްޓުމަށް ރާއްޖޭގެ ހާއްސަ ހައްޖު މިޝަނެއް ގާއިމުކުރުމާ ގުޅޭ ކަންކަންވެސް ހިމެނެ އެވެ.
މިއީ ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ހައްޖާޖީންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ މަގު ތަނަވަސްކޮށްދިނުމާއި، ހައްޖުގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުން ކަށަވަރު ކުރުމެވެ.