ads
ޝަކުވާ
ޝަކުވާ
ނަމަވެސް އެ އާދޭހަކުން ހަކީމަކަށް އަސަރެއް ނުކުރިއެވެ. މާކިންގެ ގައިގައި ޖެހި އެތިފަހަރުން މާކިން ބިންމައްޗަށް ވެއްޓުނެވެ. ނަވްޔާއާއި ކުދިންގެ ރުއިމުގެ އަޑު ގަދަވިއެވެ. "މިއީ ކޮންކަމެއް؟" ނުދަންނަ ބަރު އަޑެއް އެ ވަގުތު އިވިގެން ދިޔައެވެ. ދޮރުމަތީގައި ހުރީ އިއްޔެ ފިހާރައިގެ ތެރެއިން ނަވްޔާއަށް ބަލަހައްޓައިގެން ހުރި މީހާއެވެ.
Advertisement

39 ވަނަ ބައި (ޝަކުވާ)

އެ މީހާ އެ ގެއަށް އަންނަންވީ ސަބަބެއް ނަވްޔާއަކަށް ނުވިސްނުނެވެ. ނަމަވެސް ތަންތަން ފުސްވެ ލޯ މެރެމުން ދިޔައިރު ސަލާމަތުގެ އައްސޭރިއަކަށް އާދެވިއްޖެ ކަމުގެ އިހުސާސް ނަވްޔާއަށް ކުރެވުނެވެ.

*********

ހަވީރުގެ ފިންޏަށް ތަންދެމުން މެންދުރުގެ އަވި ނިވާލައިފިއެވެ. ހުޅުމާލޭ އަތިރިމަތީގައި ދެފައި ދަމާލައިގެން ނަވްޔާއާއި ރިއާ އިށީނދެ ތިބީ އޮލަ ވާހަކައިގައެވެ. އާމިރާާާއި ކުދިވެރިން މޫދަށް އެރި އުޅުނެވެ. ނަވްޔާމެންނާ ތަންކޮޅެއް ދުރުގައި ސުނާނާއާއި އަމީނާ ތިއްބެވެ. އާއިލާ އެއްކޮށް ހުޅުމާލެއަށް އޯވަރނައިޓަކަށް އަންނަން ރޭވީ ރިއާއެވެ.

"އިއްޔެ ފެނުނު ވަރަށް ސަޅި ބިޓެއް." ރިއާ ބުނެލި ގޮތުން ނަވްޔާގެ ކައިރިއަށް ހިނިއައެވެ.

"އެހެންތަ؟ އަނެއްކާ ކާކު؟"

"ކާކު ކަމެއް ވެސް ނޭނގޭ، އިއްޔެ މަންމައާ އެކު ފިހާރައަކަށް ވަން ތަނުން ފެނުނީ." ރިއާ ތަފުސީލް ދިނެވެ. ރިއާގެ ވާހަކަތައް އަޑު އަހަން ހިނިއައިސްފައި ނަވްޔާ އިނެވެ.

އެރޭ ނިކަން އަވަހަށް ހުރިހާ ކުދިން ވެސް ނިދައިފިއެވެ. ރިއާ ފޯނުގައި ޖެހެމުން ނަވްޔާ ނުކުތީ ބެލްކަންޏަށެވެ. އެ މީހުން ތިބީ ބީޗް ފްރަންޓް ހޮޓެލެއްގައެވެ. އަތިރިމަތީގައި ދިއްލާފައިވާ ބޮކިތަކުން ފަނޑުއަލިކަމެއް ފެތުރިފައިވިއެވެ. ދޮންވެލި އަތިރިމަތީގައި ހިނގާލާ ހިތް އެ ވަގުތު ނަވްޔާ ވިއެވެ. މާ ދުރަށް ނުދާނީއޭ ހިތަށްއަރާފައި ފޯނު ހިފައިގެން ނަވްޔާ ނުކުތެވެ. މަދުމަދުން ނަމަވެސް މީހުން އަތިރިމަތީގައި ތިބިތަން ފެނުނެވެ. ރާޅުތައް ބީހޭ ހިސާބުގައި ހުސްފަޔާ ނަވްޔާ ހުއްޓިލައިގެން ހުއްޓެވެ. ކަނޑުގެ ސަތުހުއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ފިނފިނި ވައި ރޯޅިތައް ނަވްޔާއާ ސަމާސާ ކުރަމުން ދިޔައެވެ.

އޮޅުން ބޮޅުން ޚިޔާލުތަކުން ނަވްޔާގެ ސިކުނޑި ވަނީ ފުނިޖެހިފައެވެ. ރޭގައި އިމާޒުގެ އަތުގެ ތެރޭގައި ހޭދަވި ވަގުތުކޮޅުގެ ތެރޭގައި ނަފުސު ބެހިގެން ދިޔުމަށް ފުރުޞަތު ދެވުނީތީ އަމިއްލަ ނަފުސަށް އަޑުލެވުނު އަދަދެއް ނޭނގެއެވެ. އިމާޒުގެ އަތުތެރޭގައި ނަވްޔާއަށް ހިތްހަމަޖެހުން ލިބުނެވެ. އިމާޒުގެ ފިރުމުންތަކަށް ނަވްޔާގެ ހިތާއި ހަށިގަނޑު އިޖާބަ ދިނެވެ. ތާ އަބަދު އެ އަތުތެރޭގައި ގައިދުވެގެން ހުރުމަށް ހިތް އެދުނެވެ. ނަމަވެސް އެ ހިތުގައި ލެވިފައިވާ ލަކުނުތަކަކަށް އެ ފިރުމުންތަކުން ޝިފާއެއް ނުލިބުނެވެ. އިމާޒުގެ އަތުތެރެއިން ފޮޅުވިގަނެގެން ރޮމުން ނުކުތީ އިމާޒަށް ވާހަކަދައްކާނެ ފުރުޞަތެއް ވެސް ނުދީއެވެ.

މީހެއްގެ ހިލަންވެގެން ނަވްޔާ ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރީ އިމާޒެވެ. ގަބޫލު ނުކުރެވިފައި ނަވްޔާ ހުއްޓެވެ. ހޭލާ ހުއްޓާ ވެސް މިހާރު އިމާޒު ހުވަފެނުން ފެންނަނީ ހެއްޔެވެ؟

"ނަވްޔާ!" އިމާޒު ގޮވައިލިއެވެ.

"އިމާޒު މިތާ؟"

ރައްޓެއްސަކާ އެއްކޮށް ކޮފީއަކަށް ގޮސްފައި މާލެ ދަނިކޮށް ނަވްޔާ މަގު ހުރަސް ކުރިހެން ހީވެގެން މަޑުކޮށްލީ." އިމާޒު ބުންޏެވެ.

ނަވްޔާއަށް އިމާޒާ ހަތަރުކަޅި ހަމަކުރަން ފަސޭހައެއް ނުވިއެވެ. އަނގައިން ވެސް ނުބުނެ ނަވްޔާ އެއްގަމަށް ދާން ހިނގައިގަތެވެ.

"ނައްޔަ ހުއްޓިބަލަ."

އިމާޒު ބޭނުންކުރި ނަމުގެ ސަބަބުން ނަވްޔާގެ ފައިގައި ކަސްތޮޅު އެޅުވުނު ކަހަލައެވެ. ނަވްޔާގެ ކުރިމައްޗަށް އިމާޒު އައެވެ. ހިތުގެ ހާލަތު ނަވްޔާއަށް ބުނެދޭން މިއަށް ވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެއޭ ހިތަށްއެރިއެވެ. ނަވްޔާގެ މަޑު އަތްތިލައިގައި އިމާޒު ހިފައިލިއެވެ.

"ނަވްޔާ، އައި ލަވް ޔޫ."

ނަވްޔާގެ ގައިން ހީބިހި ނެގިއެވެ. އުފާވެރިކަމުގެ ރާޅުބާންޏެއް ހިތުގައި ދައުރުވެލި ކަމުގައި ވީ ނަމަވެސް ހިތުގެ މައްޗަށް ގަދަވެގަންނަން ނަވްޔާ މަސައްކަތް ކުރަމުން ދިޔައެވެ.

"ހަނދާން އެބަހުރިތަ؟ އަހަރެން ބުނީމެއްނު ނަވްޔާ ބޭނުންވި ކަހަލަ ހަރުދަނާ މީހަކަށް އަހަރެން ވާނަމޭ. މިއަދު އަހަރެންނަކީ ޒިންމާ އުފުލަން ދަންނަ މީހެއް. އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލެވިއްޖެ. އަހަރެންނަށް މި ހިސާބަށް މި އާދެވުނީ ނަވްޔާގެ ލޯބީގެ ބާރުގައި. ނަވްޔާ! މެރީ މީ. ނަވްޔާ އުފަލުގައި ގެންގުޅޭނަން. ދުވަހަކު ވެސް ހިތަކު ނުޖައްސާނަން. އަހަރެންގެ ލޯބިން ތިޔަ ހިތުގައިވާ ޝަކުވާތަކަށް ފަރުވާ ހޯދައިދޭނަން."

ހައިރާންވެފައި އިމާޒަށް ބަލަން ނަވްޔާ ހުރި އިރު ލޯ ފުރެމުން އައެވެ. އިމާޒުގެ ދުލުން ލޯބިވާ ވާހަކަ އެ ބުނީ އަލަކަށް ނޫނެވެ. އިމާޒުގެ ބަހުގެ ތެދުކަން އިމާޒުގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަ ހެކިދެއެވެ. އެ މޫނުމަތީގައިވި އަސަރުން ނަވްޔާގެ މެއަށް ބާރުވެލިއެވެ.

"މާޒް." ނަވްޔާގެ އަޑުގައިވީ ރިހުމެވެ.

"ތިޔަ ބުނާ ލޯބީގެ ބާރުގައި މާޒީ ބަދަލުކުރެވޭނެތަ؟ ނަސީމާއްތައާއި ބޮޑުބެގެ ރުހުން ހޯދޭނެތަ؟ އަހަރެންގެ ފަސްބައިގައި ޖެހިފައިވާ ލައްގަނޑު ފިލުވައިލެވޭނެތަ؟ އަހަރެން ތަހައްމުލު ކުރި ވޭނާއި ކެކުޅުން އިމާޒަށް އިހުސާސް ވެސް ކޮށް ނުލެވޭނެ. އެ މާޒީގެ ތެރެއަށް ގޮސް އަހަރެންގެ އަމިއްލަ ނަފުސަށް އިތުރަށް އަނިޔާ ދޭކަށް ނެތިން. އިމާޒަށް ވެސް ރަނގަޅުވާނީ ނަސީމާއްތަ ބޭނުންވާ ގޮތަށް ދިރިއުޅުން ބައްޓަން ކުރިއްޔާ."

ލޮލުން ފޭބި ކަރުނަތިކި ފޮހެލާފައި ނަވްޔާ ހިނގައިގަތެވެ. ނަމަވެސް އެ ހިތުގައި ކެތްނުކުރެވޭ ވަރަށް ރިއްސަމުން ދިޔައީ ކިއްވެހެއްޔެވެ؟ އިމާޒަށް ޓަކައި އެ ހިތުގައި ވިންދު ޖަހާކަން އެ ވަގުތު ނަވްޔާއަށް ގަބޫލު ކުރެވުނެވެ. ނަމަވެސް އެ ދެ މީހުންގެ ގުޅުމަކީ ދުވަހަކު ވެސް ވާނެކަމެއް ނޫނެވެ. އަކްޔަންގެ ސަބަބުން އަޒްކާގެ ދިރިއުޅުމަށް ހިޔަނި އެޅޭކަށް ނަވްޔާ ނޭދެއެވެ. ހައްޔާނާ އަކްޔަން ވައްތަރެވެ. މާ ގިނައިން ފެންނަން ވެއްޖެނަމަ އަކްޔަންގެ ހަގީގަތް އަޒްކާއަށް އެނގުމަކީ އެކަށީގެންވާ ކަމެކެވެ. އޭރުން ނަވްޔާ ވި ގުރުބާނީ ވާނީ ބޭކާރު އެއްޗަކަށެވެ. ނަވްޔާ ތަހައްމުލު ކުރި ވޭނާއި ކެކުޅުމުގެ އެއްވެސް އަގެއް ނޯންނާނެއެވެ.

ނަވްޔާ މަޑުކުރުވާފައި ހުރިހާ ވާހަކައެއް ކިޔައިދޭން އިމާޒު ބޭނުންވިއެވެ.

"ނަވްޔާ." އިމާޒު ގޮވައިލިއެވެ.

ނަމަވެސް އެ ވަގުތު ނަވްޔާގެ ފޯނު ރިންގްވާން ފެށިއެވެ. ބަލައިލިއިރު ގުޅަނީ ރިއާއެވެ. އޭރު ތަންކޮޅެއް ދުރުން ރިއާ އަންނަތަން ފެނެއެވެ. ނަވްޔާ ފޯނު ނެގިއެވެ.

"ނަވް، ކޮންތާކު؟ މާމަ އެބަ ހޯދާ." ރިއާ ބުންޏެވެ.

"ހަމަ ކުރިމަތީގައި. މި ދަނީ."

ރިއާއާ ދިމާއަށް ނަވްޔާ ހިނގައިގަތުމުން ފުން ނޭވާއެއް ލާފައި ދެ ޖީބަށް އިމާޒު އަތް ޖަހައިލިއެވެ. ނަވްޔާދެކެ އިމާޒު ލޯބިވާ ވަރު ނަވްޔާއަށް އެނގޭނެ ނަމައެވެ. ނަވްޔާއަށް ހަގީގަތް ކިޔައިދޭން މާ ލަސް ކުރެވިއްޖެ ކަމަށް އެ ވަގުތު އިމާޒަށް ގަބޫލު ކުރެވުނެވެ.

*******

ލޯގަނޑު ކުރިމަތީގައި ހުރެގެން ނަވްޔާ ތައްޔާރު ވަމުން ދިޔައީ މިރޭ އޮންނަ އޮފީހުގެ ޑިނަރ ޕާޓީއަކަށް ދާށެވެ. އެއީ އޮފީހުގެ ހުރިހާ އެންމެންނަށް އާމިރު ދޭ ކެއުމެކެވެ. ކޮންމެ އަހަރަކު އެއް ފަހަރު ކުރާ ކަމެކެވެ. އޮފީހުގެ ހުރިހާ މުވައްޒަފުން މަޖާ މާހައުލެއްގައި ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުޞަތަކެވެ. އިމާޒާ ކުރިމަތިލާން ޖެހޭނެތީ ނަވްޔާ ހުރީ ޖެހިލުންވެފައެވެ. އިމާޒާ ވާހަކަދައްކަން ވެއްޖިއްޔާ އެ ހިތުގެ ހާލު ބޭޒާރު ވެދާނެތީ ނަވްޔާ ކަންބޮޑުވެއެވެ. ހުޅުމާލެއިން ދިމާވި ފަހުން އަދި އިމާޒަކާ ދިމައެއް ނުވެއެވެ. މި ދިޔަ ދެ ހަފްތާގައި ނަވްޔާ އޮފީހަކަށް ނުދެއެވެ. ޗުއްޓީ ނަގައިގެން އާމިރުމެންނާ އެކު އެ ދެ ހަފްތާ ހޭދަކުރީ ރިސޯޓެއްގައެވެ. ސްކޫލް ޗުއްޓީ ދުވަސް ވަރަކަށް ވުމާ އެކުގައެވެ. 

ރިއާ ކިޔާވަރުން ނަވްޔާ އެ ރޭ ލީ މެލޭޝިޔާ ހެދުމެކެވެ. އެއީ މި ފަހަރު އަންނަމުން ސުނާނާ ގެނެސް ދިން ހެދުމެކެވެ. މެރޫންކުލައިގެ އެ ހެދުމުގައި ރަންކުލައާއި ވައިލެޓްކުލައިން މާ ވެޔޮގަނޑެއް ތިރިން ފެށިގެން މައްޗަށް އަރާ ގޮތަށް ޖަރީކޮށްފައިވެއެވެ. ހަމަ އެ ފޮތީގެ ސްކާޓެކެވެ. ހެދުމާ ގުޅޭގޮތަށް ލޭސް ފޮތީގެ މަޑު ވައިލެޓް ކުލައިގެ ޝޯލެކެވެ.

"ވާއު." ރިއާއަށް ނަވްޔާ ފެނުމުން ބުނެލިއެވެ.

ހީނހީނފައި އެހެން މުވައްޒަފުންނާ ވާހަކަދައްކަމުން ދިޔަ ނަވްޔާއަށް އިރުއިރުކޮޅާ އިމާޒުގެ ނަޒަރު ހުއްޓެއެވެ. އުމުރު ހުސް ވަންދެން ވެސް އެ މޫނަށް ބަލަހައްޓައިގެން އިމާޒަށް ހުރެވިދާނެއެވެ.

"ކޮބާ ހާދަ ދުރުގަ ތި ހުންނަނީ؟"

އާމިރުގެ އަޑަށް އިމާޒު ސިހުނެވެ.

"މި..ދެން.. ފިނި ވައިޖެހޭތީ." އިމާޒަށް ބުނާނެ އެއްޗެއް ނޭނގުނެވެ. 

އެ ދަނޑިވަޅުގައި އާމިރާ ދިމާއަށް ނަވްޔާއަށް ބަލައިލެވުނެވެ. އާމިރު ހަނާ އަޅާލައިފައި އެތަނަށް އަންނަން އަތުގެ އިޝާރާތުން ނަވްޔާގެ ގާތުގައި ބުންޏެވެ. އެއްފަރާތުގައި ހުރި އިމާޒު ނަވްޔާއަށް ފެނުނީ ވަކި ހިސާބަކަށް ދިޔަތަނުންނެވެ. އަނބުރާލައިފައި ދާން ހިތަށްއެރި ނަމަވެސް އާމިރުގެ ސުވާލުތަކާ ކުރިމަތި ލާން ޖެހިދާނެތީ އެހެން ހަދާކަށް ނުކެރުނެވެ.

"ނަވްޔާ، މި ދައްކަނީ އެންމެފަހުން އަހަރެމެންނަށް ލިބުނު ޕްރޮޖެކްޓުގެ ވާހަކަ. އިމާޒުގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާ ވާހަކަ." އާމިރު ބުންޏެވެ.

"އަޅުގަނޑު މަސައްކަތް ކުރީ ނަވްޔާމޭމްގެ އިރުޝާދުގެ ދަށުން." އިމާޒު ބުނެލިއެވެ.

ނަވްޔާ ލޯ އަޅައިލުމުން އިމާޒު ހިނިތުންވެލިއެވެ.

އެ ހިނިތުންވުމުގައިވީ ޖާދުލެއް ހެއްޔެވެ؟ އިމާޒާ ދިމާއަށް ބަލަން ހުންނަ ހިތް ނަވްޔާ ވިއެވެ.

"ދޮންބޭ، އެބަ އަންނަން އިނގޭ." ނަވްޔާ އަވަހަށް އެތަނުން ދެވޭތޯ ބެލިއެވެ.

ނަވްޔާ އަކީ ވަރަށް ޚާއްސަ ކުއްޖެއް." ނަވްޔާ ދާ ތަން ބަލަން ހުރެފައި އާމިރު ބުނެލިއެވެ.

"ލައްބަ" ވިސްނާލުމެއްނެތި އިމާޒަށް ބުނެލެވުނެވެ.

އިމާޒާ ދިމާއަށް ނުހަނު ފުންކޮށް އާމިރު ބަލައިލިއެވެ. އިމާޒު ރަކިވިއެވެ.

"ނަވްޔާ މޭމް އަކީ ސަރގެ ތިމާގެ ކުއްޖެއްތޯ؟" ބުނާނެ އެއްޗެއް ނޭނގިގެން އިމާޒު އެހިއެވެ.

ހިނިތުންވެލަމުން އާމިރު ބޯ ޖަހައިލިއެވެ. ނަމަވެސް ނަވްޔާއާ ދިމާއަށް އަނެއްކާ ވެސް ނަޒަރު ހުއްޓުނު އިރު އެ ހިނިތުންވުން ފިލައިފިއެވެ.

*********

އެ ދުވަހު ސޭޓު ބުނި ގެ ހޯދާކަށް އާމިރަކަށް މާ އުނދަގުލެއް ނުވިއެވެ. ތަންކޮޅަކަށް ހިނގާލިތަނުން އެ ގެ ފެނިއްޖެއެވެ. އާމިރު ހައިރާންވީ ހައެއްކަ މީހުން ކަންބޮޑުވެފައި އެ ގޭ ދޮރު ކައިރީގައި ތިބިތަން ފެނިފައެވެ. އެތެރެއިން މީހެއްގެ ހަޅޭއްކެއްގެ އަޑާއި ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ބަލާކަށް ނުހުރެ އާމިރު އެތެރެއަށް ވަނެވެ. ހަކީމުދެކެ ބިރުން ވަންނަން ނުކެރިފައި ތިބި މީހުންތައް ވެސް އާމިރުގެ ފަހަތުން ވަނެވެ. ފެނުނު މަންޒަރު ގަބޫލު ކުރަން އާމިރަށް ދަތިވިއެވެ.

"މިއީ ކޮންކަމެއް؟" އާމިރު ހަޚޭއްލަވައިގަތެވެ.

"ކަލެއާ ކޮން ބެހޭ ކަމެއް؟" ރުޅިއައިސްފައި ހަކީމު އެހިއެވެ.

ނަމަވެސް އާމިރުގެ މޫނުން ޖެހިލުންކުޑަކަމާއި ރުޅިވެރިކަން ފެނުމުން އިތުރު އެއްޗެއް ނުބުނެ ހަކީމު ނުކުމެގެން ދިޔައީއެވެ. އާމިރުގެ ފަހަތުގައި ރަށުގެ މީހުންތައް ވެސް ތިބުމާ އެކުއެވެ. ރަށު މީހުންގެ އެހީގައި ނަވްޔާއާއި ދެ ކުދިން ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ޕޮލިހުންނަށް ރިޕޯޓްކުރީ އާމިރެވެ. ޖެހިގެން ހުންނަ ރަށުގައި ތިބޭ ޕޮލިހުން ގަޑިއެއްގެހާ އިރުގެ ތެރޭގައި އައެވެ. ހަކީމު ހައްޔަރު ކުރުމުގެ އިތުރުން ގެ ފާސްކޮށް ބެލި އިރު ގިނަ އަދަދެއްގެ ޑްރާގް ވެސް ހަކީމު ބޭނުންކުރާ ކޮޓަރިން ފެނުނެވެ.

ނަސީބަކުން ނަވްޔާގެ ދަރިފުޅަށް ގެއްލުމެއް ނުލިބެއެވެ. އެކަމަކު ނަވްޔާއާއި ދެ ކުދިންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މާލެއަށް ގެންދެވުނެވެ. ހުރިހާ ކަމަކާ ހަވާލުވީ އާމިރެވެ. ސުނާނާއާއި އަމީނާގެ އެހީ އާމިރަށް ލިބުނެވެ. ކުދިވެރިންނަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނެތުމުން ކުދިން ގެއަށް ފޮނުވިއެވެ. އެ ކުދިން ގެންދިޔައީ އާމިރުމެންގެ ގެއަށެވެ. ހަފްތާއެއްގެ ފަހުން ނަވްޔާ ވެސް ދޫކޮށްލެވުނެވެ. ނަވްޔާއަށާއި ކުދިންނަށް އާމިރުމެންގެ އާއިލާއިން ހެޔޮކޮން ހިތިއެވެ. އެކަން ބަލައިގަތަސް ނަވްޔާ ހުންނަނީ ޖެހިލުން ވެފައިކަން އާމިރަށް އެނގެއެވެ. ނަވްޔާމެންނަށް އަޅާލުމުގައި ކޮންމެވެސް ކަހަލަ އަމިއްލަ އެދުމެއް އޮވެދާނެތީ އުޅޭކަހަލައެވެ.

ނަވްޔާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން ނަވްޔާގެ މައިންބަފައިންގެ ވާހަކަ އާމިރު އެހިއެވެ. މަންމައަށް ކިޔަނީ ނިހާޔާ ކަމަށާއި ބައްޕައެއް ނެތް ކަމުގައި ނަވްޔާ ބުނީ އެއްވެސް އަސަރެއް ނެތިއެވެ. އާމިރު ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. ނަވްޔާގެ އުފަން ދުވަސް ވެސް ބުނެދިނެވެ. ހުރިހާ ހިސާބުތަކެއް ދިމާވާން ފެށުމުން އާމިރުގެ ލޯ ކަރުނައިން ފުރުނެވެ. ނަވްޔާއަކީ ލޯބިވާ ކޮއްކޮ، އަޚްތަރުގެ ދިރިހުރި ނިޝާން ކަމަށް ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އަމީނާއަށް އެ ޚަބަރު އަންގަން ބޭނުންވީ ޝައްކެއްނެތް މިންވަރަށް ޔަގީންކޮށްފައެވެ. އެ ގޮތުން ނަވްޔާއާއި އަމީނާގެ ސާމްޕަލް ހޯދައިފައި ޑީއެންއޭ ހަދަން ބޭރަށް ފޮނުވި އިރު އަމިއްލަ ސާމްޕަލް ވެސް ފޮނުވިއެވެ. 

ސުނާނާ ވެސް ނަވްޔާއާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔައީ ކޮއްކޮއަކަށް ކަންތައް ކޮށްދޭ ފަދައަކުންނެވެ. ސިއްޙަތަށް ރަނގަޅު އެއްޗެހި ކާންދީ، ވިހަންވާ އިރަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެދިނެވެ. އެ ދުވަސްތަކުގެ ތެރޭގައި މިޝާމެންނާ އާމިރުގެ ކުދިންނާ ވެސް ގުޅުން ބަދަހިވިއެވެ.  

ޑީ.އެން.އޭގެ ޓެސްޓުގެ ނަތީޖާ އަތަށް އެރުމާ އެކު އާމިރުގެ އަތްފައި ފިނިވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް