ads
ނޭނގި ހިތް ގެއްލުނީ - 41 ވަނަ ބައި
އެޕިސޯޑް 41
Advertisement

މެންދަމުން އަލިވެ 2ޖަހައިފި އެވެ. 

ބީޗްސައިޑް ވިލާގެ ޝައްޔާންގެ ކޮޓަރީގެ ކުޑަދޮރުގައި ލެނގިލައިގެން ހުރީ، ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެންނެވެ. ފާއިތުވެގެން މިދާ ދެ ދުވަހަކީ ޝައްޔާންގެ ހަޔާތުގައި އެންމެ އުފާވެރި ވަގުތުތަކެވެ. މުޅި ދުނިޔެއަށް ސިއްރު ދިރިއުޅުމެއްގައި އަމާރާއާއެކު ދުވަސްތައް ހޭދަކުރަމުން އަޔަސް، މީގެކުރީން ދުވަހަކުވެސް ނުކުރެވޭ އިހްސާސްތަކެއް މި ދެދުވަހު ޝައްޔާންގެ ހިތާއި ހަށިގަނޑާއި ފުރާނައިގެ ކޮންމެ އިންޗިއެއްގައި ދައުރުވަމުން ދިޔަކަން އޭނާއަށް އެނގެ އެވެ. އެ އިހްސާސްތައް ދުލުން ބޭރުކުރަން ޖެހިލުންވަނީ، ކީއްވެކަން ތިމާއަށްވެސް ނޭގެ އެވެ.

މަޑުމަޑު ވައިރޯޅިއާއެކު ހިތްގައިމު ކުޑަކުޑަ ރަށަށް ފެތުރިފައިވާ، ކަނޑުގެ ލޮނު ވަހުގެ ސަބަބުން ހިއްސުތަކުގައި ހިނގަމުން ދިޔަ އޮއެވަރަކީ މީހަކަށް ބުނެދިނުމަށް ފަސޭހަ އިހްސާސެއް ނޫނެވެ. ބަޔާންކުރުމެއް ނެތް ޖަޒްބާތުތަކަކުން ބާރުގަދަ ގުޅުމެއްގެ ވިންދު ޝައްޔާންއާއި އަމާރާއާއި ދެމެދު ހިނގަމުންދިޔަ އެވެ. މުޅިން އަލަން އުފެދެމުންދިޔަ މި ލައްޒަތުގެ ލިސާނެއްވެސް ޝައްޔާންއާއި ހިއްސާކުރެވޭކަށް ނެތެވެ. އެކަމަށް ހިތް ކިތަންމެ މަޖުބޫރު ކުރިޔަސް، އަމާރާ ފަސްޖެހުނެވެ. އިހްސާސްތައް ފޮރުވަންޖެހޭ ސަބަބުތައް ބައިވަރެވެ. 

ފާހާނާގެ ދޮރު ހުޅުވި އަޑަށް ޝައްޔާން، ފަހަތް ބަލައިލި އެވެ. 

އަމާރާ ފެންވަރައިގެން ބޮލުގައި ހުދު ތުވާލި އޮޅާލައިގެން، އެ ނިކުތީ ޝައްޔާންގެ ޓީޝާޓެއް ލައިގެންނެވެ. އޯވަސައިޒް ޓީޝާޓުގައި އަމާރާ ހުރީ ވަރަށް ތާޒާކޮށެވެ. ހުއްޓުމެއް ނެތް މަޑު ފިޔަވަޅުތަކުގައި ޝައްޔާން ގާތްވަމުންދިޔައީ އޭނާގެ 'ހިތުގެ ވިންދާ'އެވެ. 

"އަހަރެންގެ އަންނައުނުގައި އަމާރާ އަބަދުވެސް ވަރަށް ލޯބި.. ތިޔަ ގެންގުޅޭ ހުރިހައި އަންނައުނެއް ބާކީ ކޮށްލާފައި، ދެމީހުން އެއް ވޯޑްރޯބެއް ބޭނުންކުރަން ފަށަން ވީނުން.." ފަލަމަސްގަނޑުން ފެށިގެން ހާމައަށް ފެންނާން ހުރި އަމާރާގެ ބައްޓަން ރީތި، ދިގު ފަޔަށް ޝައްޔާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"ރަގަޅުކަމެއް.. ވިސްނާނަން އިނގޭ" ލޯބިގޮތަކަށް ހީނލަމުން އަމާރާ ބުންޏެވެ. 

ޝައްޔާންގެ މަޑުމަޑު ފިޔަވަޅުތަކަށް ނިމުމެއް ނެތެވެ. ބުނެދޭން ނޭގޭ އިހްސާސްތަކަކުން، އޭނާއަށް ތަފާތު ގޮތްތަކެއް ވަމުންދިޔައެވެ. ލޮލުގެ އެސްފިޔަ އިހުނަށްވުރެން އަވަސް ހަރަކާތްތަކެއް ކޮށްލުމުން، ދެ ބުމަ ގާތްކޮށްލާފައި އަމާރާ ބަލައިލީ ގާތްވަމުންދިޔަ ޝައްޔާންގެ ލޮލަށެވެ. 

ކަނދުރާއިން ހީބިހި ނެގި އެވެ. ޝައްޔާން މުޅިން ރަގަޅު ނޫންކަން އަމާރާއަށް ޔަގީންވި އެވެ. ދެ ލޮލުގައި ކަރުނަ ވިދާލަން ޖެހުނީ ކީއްވެހެއްޔެވެ؟ 

ދެމީހުންގެ ނޭވާގެ ހޫނު އިހްސާސްވާހައި ގާތަށް އައުމަށްފަހު، ޝައްޔާން ހުއްޓުނެވެ. އެކަމަކު، އަމާރާގެ ގަޔަކު އަތެއް ނުލި އެވެ. އަތުގައި ހިފައި ލުއްކިއެއް ޖަހާފައި ގެނެސް މޭގައި ތަތްކޮށެށްވެސް ނުލިއެވެ. އަމާރާގެ ސޫރަ، ކުދިބޮޑު ކޮންމެ ތަފްސީލަކާއެކު ހިތުދަސްކުރަން ބަލަހައްޓައިގެން ހުރި މީހެއް ފަދައިން، ޝައްޔާންގެ ހަރަކާތް ހުއްޓިފައިވޭ އެވެ. އޭނާގެ ލޮލުގައި ވަނީ ހާސްކަމާއި ފިކުރުބޮޑުވެފައިވާ ކަމުގެ ނިޝާންތަކެވެ.

"ޝައްޔާން، ކަމަކާއި ހާސްވެފައިތަ؟ އެއްވެސް ކަމަކާއި ހިތް ބިރުގަންނަނީތަ؟"ދުލުން ބޭރުވި މަޑުމަޑު އާހެއްގެ ގޮތުގައި ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު އަމާރާ ސުވާލުކޮށްލީ، ޔަގީންކޮށްފަ އެވެ. 

"ނޫން.. އަމާރާއާއިމެދު... އަހަރެންގެ... ހިތް... ބިރެއް ނުގަންނާނެ.." ޝައްޔާންގެ ޖުމުލަ އަމާރާއަށް ސަފުކޮށް އަޑު އިވުނެވެ. އެކަމަކު އެ ބުނެވުނު އެއްޗެއް ޝައްޔާން ސާފުވިކަމެއް ޔަގީނެއް ނޫނެވެ.

އަތް އުފުލާލާފައި އަމާރާގެ ކޮލުގައި ޝައްޔާންގެ ބޮޑުވައި އިނގިލިން ފިރުމާލީ، މަޑުމަޑުން ނުހަނު ލޯތްބާއިއެކު އެވެ.

"އެކަމަކު.. ބިރުގަނޭ.. ވަރަށް ބޮޑަށް ބިރުގަނޭ.. 'އަހަރުމެންގެ މިކަންތަށް' އަހަންނަށް ހައްލުކުރާން ނޭގި، އަތްދަށުން ބީވެ، އާންމު އުސޫލުން ގޯހެއް ހެދިއްޖެއްޔާ ދެން ވާނީ ކިހިނެއް؟" ހިނދުކޮޅެއްގެ ތެރޭގައި ޝައްޔާންގެ ދެ ލޯ ރަތްވެއްޖެ އެވެ.

ގަދަކަމުން އަމާރާއަށް ހިން ދިރުވާލެވުނީ، ކަރުގައި ލަނގޮނޑި ތާށިވެފައިވާހެން ހީވުމުންނެވެ. އުފެދުނު ބިރުވެރިކަމުން މުޅި ހަށިގަނޑު ހުއްޓުނުފަދަ އެވެ. މިއީ އަމިއްލަ އިހްސާސްތަށް ތަރުޖަމާކުރާން އުޅެންވީ ވަގުތު ނޫންކަން ވިސްނޭތީ އަމާރާ ސަމާލުކަން ދިނީ ޝައްޔާންއަށެވެ.

އިހުނަށްވުރެންވެސް ޝައްޔާންއާއި ގާތްވެލާފައި އަމާރާގެ ފައިގެ އިނގިލިތަކުގެ ކޮޅު ޖައްސާފައި، ޝައްޔާންއާއި އެއް އިސްކޮޅަކަށް ނާދެވުނަސް، އޭނާގެ މަގުސަދު ހާސިލްކުރި އެވެ. މަޑުމަޑުން ޝައްޔާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި، ދެ ލޯ މަރައިލި އެވެ. ނިއްކުރީގައި ތުންފަތް ޖައްސައި ބާރުކޮށްލުމުން، ބާރަށް ތެޅެމުންދިޔަ ޝައްޔާންގެ ހިތް ހަމަޔަކަށް އެޅެން ފެށި އެވެ. ޝައްޔާންގެ ދެ ކޮލާއި ތުންފަތުގައިވެސް ހަމައެފަދައިން އަމާރާ ބީހިލި އެވެ. އަދި ޝައްޔާންގެ ކަނދުރާގައި އޭނާގެ ދެ އަތް އަޅުވާލާފައި ގާތްކޮށްލުމަށްފަހު، ޝައްޔާންގެ ކަންފަތާއި ކައިރިވެލި އެވެ.

"ފަހުން ވާނެ ގޮތެއް މިހާރަކު ނޭގެ.. މިވަގުތު އެކަމާ ނުވިސްނާ.. ތިޔަ ހިތާއި ފުރަނައިގައި ލެއްވި، އެންމެ މާތް ގުޅުމުގެ ލޯބިން މި ހިތް ފުރާލަދީ..ޕްލީޒް" ޝައްޔާންގެ ކަންފަތު ފޫޅުގައި ތުންފަތް ހާކާލަމުން އަމާރާ ބުނެލި އެވެ. 

އެއަޑު ނިކުތީ އާހެއްގެ ގޮތުގަ އެވެ. ޝައްޔާން ގައިގެ ހުރިހައި ހިމަ ލޯލިތަށް ކޮޅަށްޖެހިގެން ދިޔަ ވަގުތު އޭނާގެ ދެއަތުގެ ތެރޭގައި އަމާރާ ބޮނޑިކޮށްލި އެވެ.

ހަނދުގެ ހަނދުވަރާއެކު ފަތިހަށް ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ވިދުން ގަދަކޮށްލި އެވެ. އެއް ހިޔަންޏެއްގެ ގޮތުގައި ދެ ހަށިގަނޑު، އެއް ރާގަކަށް ހެލިލަމުން ދިޔަ މަންޒަރަށް ހެކިވީ، ފަތިހުގެ ފިނިކަމާއި ކާއިނާތުގެ އަލިކަމެވެ. ދެ ހިތުގައި ކުޅުނީ އެއް މިއުޒިކެކެވެ. އިވެމުން ދިޔައީ އެއް ރާގެކެވެ. ވާދަވެރިކަމެއް ނުވަތަ އަވަސްއަރުވާލުމެއް ނެތި، ކުރަމުންދިޔަ ލޯބީގެ ހަރަކާތްތަކެވެ. އަމާރާގެ ތަޖުރިބާއެއް ނެތަސް، ޝައްޔާން ކުޅަދާނަ ވެފައި  ހުށިޔާރެވެ. އަމާރާގެ މުޅި ހަށިގަނޑު އޭނާގެ ހައްޔަރުގައި ގައިދު ކޮށްލީ ފަސޭހަކަމާއެކު އެވެ. 

"އައި ލަވް ޔޫ" ނޭވާހޮޅިން، އޮކްސިޖަން ހުސްވެފައިވާ މީހަކު ފަދައިން، މަޑުމަޑުން ޝައްޔާން ބުނެލި އެވެ. އަމާރާގެ ނިއްކުރީގައި އޭނާގެ ނިއްކުރި ޖައްސާލަމުން، ނޭވާތަށް ހަމަޔަކަށް އަޅުވައިލެވޭތޯ މަސައްކަތްކުރި އެވެ.

"އައި ނޯ، އައި ކޭން ފީލް އިޓް" ވަރުބަލިވެ ދެ ލޯ މެރެމުންދިޔަ ހާލުގައިވެސް، އަމާރާ މަސައްކަތްކުރީ ޝައްޔާން ހިތްހަމަޖައްސައި ދެވޭތޯ އެވެ.

....................

ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ބާރެއް ހުރިނަމަ، ފަތިހުގެ ރަން އިރަށް، ޖާގައެއް ނުދީ އެރޭގެ ހަނދުވަރުގެ ވަގުތު ދިގުކުރީހެވެ. ނަމަވެސް ރެއާއި ދުވާލަކީވެސް ވަގުތު ކަނޑައެޅިގެންވާ ގުދުރަތީ ގާނޫނެކެވެ. 

އަލި ކޮންމެ ދުވަހެއް ނިމެނީ، އަނދިރި ރެއަކަށެވެ. އަނދިރި ކޮންމެ ރެ އެއް ފެށެނީ ދުވާލުގެ އަލިކަން ފަސްދިނުމުންނެވެ. އޮޔާއި ވައި ބަދަލުވާ އުސޫލުން، އުފަލާއި ހިތާމައާއި ހިތްހަމަޖެހުމާއި ލޯބީގެ ވަގުތުތަކަކީވެސް އިންސާނުންގެ ދިރިއުޅުމުގެ ގާނޫނާއި ގުޅިފައިވާ ކަންކަމެވެ.

އުފާވެރިކަމާއި ލޯތްބާއި އޯގާތެރިކަމާއި އެކަކު އަނެކެއްގެ ބޭނުންތަކުން ހިތްފުރިގެންދިޔަ ދެ ދުވަހަސް ފާއިތުވެގެން ދިޔައީ އެވެ. ހަމައެކަނި ދެ ބައިވެރިންގެ ލޯތްބަށް ލިބުނު ރީތި ހަނދާންތަކެއްގެ ގޮތަގައެއް ނޫނެވެ.

އެއީ މުޅި އުމުރަށް ވަކިނުވެވޭނެ، ނިމުމެއް ނެތް ރަމްޒެއްގެ ގޮތުގައި އެވެ. 

..................

ހަތް އަހަރުފަސް

ދިއްލީގެ ހަލަބޮލި ސަރަހައްދާއި ދުރުން އޮތް، އަމާން މަންޒިލެކެވެ. އާންމުން އެންމެ ގިނަ ސަރަހައްދާއި އެކަހެރި ހިސާބެއްގައި ހުރި، ބިލްޑިންގއެއްގެ ހިތްގައިމު އެޕާޓްމެންޓެކެވެ. 

އަމާރާ އާރިޒް ފަހުމީ، ދިރިއުޅެމުން ގެނދަނީ ފުރިހަމަ މި އެޕާޓްމެންޓްގައި އެވެ. ވަރަށް އާދައިގެ އެހެންނަމަވެސް ތަނަވަސް ދިރިއުޅުމެއް އުޅެމުން އެ ގެންދަނީ ހަމަ އެންމެ މަގުސަދަކަށް ޓަކައެވެ. ހިތުގެ ވޭނާއި ލޮލުގެ ހޫނުކަރުނަ މުޅި ދުނިޔެއަށް ފޮރުވައިގެން، ރޭ ދުވާ ގުނަމުން ދިޔައީ މާޒީގެ ފިލާވަޅުން އިބްރަތް ލިބިގެންނެވެ.

މިއަދު އަމާރާއަކީ މުޅި ސަރަހައްދުގައި ހުރި އެންމެ އަގުބޮޑު ޕްރައިވެޓް ހޮސްޕިޓަލުގެ ގަދަރުވެރި ގައިނެކޮލޮޖިސްޓެކެވެ. 

އިރުއަރައިގެން އޮއްސެންދެން ބުރަ މަސައްކަތެވެ. އިރުއޮއްސި، ފަތިސްވެ ދުނިޔެ އަލިވަންދެން އަމާންކަމެވެ. މިއީ މިއަދު އަމާރާ ގަބޫލުކުރާ ހަގީގަތެވެ. މިއީ ލޮލުގެ ކަޅު އެސްފިޔަތަކުގެ ތެރެއިން، ދުނިޔެއަށް އޭނާ ދައްކުވައިދޭ މަންޒަރެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް