އަލީ އާޒިމް މާލޭގެ މޭޔަރުކަމަށް ހޮވަން ތާއިދުކުރައްވާކަން ރައީސް ނަޝީދު ހާމަކުރެެއްވީ މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ. ނަޝީދު އެކްސްގައި އާޒިމްގެ ފޮޓޯއެއް ހިމަނާ ކުރެއްވި ޕޯސްޓުގައިވަނީ އަލީ އާޒިމް މާލޭ މޭޔަރުކަމަށް މިހެން ޖައްސަވާފައެވެ.
އަލީ އާޒިމް މާލޭގެ މޭޔަރުކަމަށް ހޮވަން ނަޝީދު ކެމްޕެއިން ފެއްޓެވިއިރު އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަކިވެެ އަލުން ވަނީ އެމްޑީޕީއާ ގުޅިފައެވެ. އަދި ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން މިހާރު ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
މިހާރު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ނުކުންނަވާނެކަން އިއުލާން ކުރައްވާ އޭނާވެސް ވަނީ ދާދީ ފަހުން ރަސްމީކޮށް ކެމްޕެއިން ފައްޓަވާފައެވެ.
ކުރިން މޭޔަރުކަމުގައި ހުންނެވި ޑރ. މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެމްބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންކަމުން މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާއިރު އާޒިމްގެ ވެސް ދައުރު ހަމަވާނެއެވެ.
އަންނަ އަހަރު މާޗުމަހު 28 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް އެ ޕާޓީން ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބެލުމަށް އިއުލާންއެއްކޮށްފައެވެ.