ފަލަސްތީނުގެ ޓީމު ރާއްޖެ އައިސްފައި ވަނީ މިއަދުއެވެ. އެ ޓީމަށް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި، މި އަދަދަކީ ޓީމު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް މާލޭގައި ކޭމްޕުކުރާ މުއްދަތުގެ ތެރޭގައި އެ މީހުންގެ ކެއުމާއި ހުރުމުގެ އިންތިޒާމުތަކަށް ހިނގާނެ ހަރަދެވެ. މި ކޭމްޕުގެ ތެރޭގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މި ދެ މެޗު ކުޅޭނީ މި މަހުގެ 13 އަދި 15 ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރާއްޖޭގައި މި ކޭމްޕު ބާއްވައިދިނުމަށް އެދުނީ އިސްރާއީލުން ގައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގައި ތަމްރީނުތައް ކުރިއަށް ގެންދަން ދަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އެހީގެ އިތުރުން، ފަލަސްތީނު ޓީމަށް އިތުރަށް އެހީވުމުގެ ގޮތުން، އެކުވެރިކަމުގެ ދެ މެޗަށް ސްވެނިއާ ޓިކެޓް ވިއްކައި، އޭގެން ލިބޭ ހުރިހާ ފައިސާއެއް އެ ޓީމަށް ހަދިޔާކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ނިންމާފަ އެވެ.