އެ ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ މިއަދު ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ނޯޓިސްއެއްގައި ވަނީ، ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ މިއަދު މެންދުރު 13:00އަށް 18:00އަށް މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މިރޭ ފެނަކައިން ނެރުނު އިތުރު ބަޔާނެއްގައި ބުނީ ފެން ތަގައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ. އެހެންކަމުން ފެން ބޭނުންކުރުން ހުއްޓާލުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފެން ކަނޑާލުމާއި ގުޅިގެން ފުވައްމުލަކުގެ ރައްޔިތުން ވަނީ އެ ރަށުގައި ހުރި ފިހާރަތަކުގައި ހުރި ބޯފެން ގިނަ އަދަދަކުން ގަނެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ރަށު ފިހާރަތަކުގައި ހުރި ފެނުގެ ބޮޑު ބައެއް ހުސްވެ އައްޑޫއިން ފެން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރަށުން ފެން ކެނޑިފައިވާ އިރު ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަމުންނެވެ. ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލާ ފެނަކަ ފުވައްމުލައް އޮފީހާ އެކު ބާއްވާ ކުއްލި ބައްދަލުވުން ކުރިއަށްދާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މި ވަގުތު ފެނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފެނަކަ އިން ކުރަމުންދާ މަސައްކަތްތައް ކައުންސިލާއި ވަނީ ހިއްސާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކުން ފެން ކެނޑުމުން، މިރޭގެ ވަގުތެއްގައި 2،000 ކޭސް ފެން އެ ރަށަށް ފޮނުވުމަށް ސިފައިން އަންނަނީ ތައްޔާރުވަމުންނެވެ.