ޖުމްހޫރި ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަސްމާލެއިން ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ހިއްކާ ބިމުން 15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކުގެ އިތުރުން މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ކަމަށެވެ.
ގިރާވަރުފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތް މީހުންނަށް އިސްކަންދީގެން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ވެސް މަޝްރޫއެއް އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސާދީ އަދި ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ. އެގޮތުން އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.