އެކަމަށްޓަކައި އިއްޔެ ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ތަކެތި އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮންއެވެ. ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ދިވެހިރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކޮށް، ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، ހަތަރު ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން ދެ ރޭމްޕް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިން ޕާޓްނަޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދޭ ގްރާންޓް އެހީއެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާ ސަރުކާރުން ހަދިޔާކުރި އެވެ.