ads
ކޮޕް 30 ސަމިޓުތެރެއަށް ބަޔަކު ވަދެގަތުން
ކޮޕް30 ސަމިޓްގެ ތެރެއަށް ބަޔަކު ގަދަކަމުން ވަދެއްޖެ
ބްރެޒިލްގެ ބެލެމްގައި މިހާރު ކުރިއަށްދާ ކޮޕް30 ސަމިޓުގެ ތެރެއަށް، އެ ގައުމުގެ އަދިވާސީންނާއި ދަރިވަރުން ހިމެނޭ ގްރޫޕަކުން ގަދަކަމުން ވަދެގަނެއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ސަމިޓުގެ ދެވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ބައްދަލުވުންތައް ނިންމާލުމަށްފަހު މަންދޫބުން އެ ތަނުން ނުކުންނަން ފެށި ވަގުތުގައެވެ. މުޒާހަރާގެ ބައިވެރިން ސަމިޓް އޮންނަ މައި ސަރަހައްދަށް ވަދެގަތުމުގެ ސަބަބުން، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާ އދ. ގެ އޮފިޝަލުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، އެ ސަރަހައްދުގައި ހަމަނުޖެހުން އުފެދިގެން ދިޔައެވެ.

މި ހަމަނުޖެހުން ހިންގި ފަރާތްތަކުން ގޮވާލަމުން ދިޔައީ، މޫސުމީ ބަދަލުތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އަދިވާސީންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ މީހުންގެ ބިންތައް ހިމާޔަތްކޮށްދިނުމަށެވެ.

"އަހަރެމެންގެ ޖަންގަލިތަކަކީ ވިއްކާ އެއްޗެއް ނޫން" ކަމަށް ގޮވަމުން، ސެކިއުރިޓީ ބެރިއާތައް ފޫއަޅުވާލައި އެތެރެއަށް ވަނުމުން، ސަމިޓުގެ ބައިވެރިންނަށް އިމާރާތުގެ ތެރޭގައި ކުޑަ ވަގުތުކޮޅަކަށް މަޑުކުރަން ޖެހުނެވެ. 

މި ކުރިމަތިލުންތަކުގައި އދ. ގެ ސެކިއުރިޓީ ދެ ގާޑަކަށް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، އިމާރާތުގެ ދޮރުތަކަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، އެމެޒޯން ސަރަހައްދުގައި ބާއްވާ މި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ވެސް ވަނީ ގިނަ އަދަދެއްގެ ގަސްތައް ކަނޑާލައި، ތިމާވެއްޓަށް ގެއްލުން ދީފައެވެ. އަދި މޫސުމީ ކަންކަމުގައި މަޝްވަރާކުރާއިރު، އަދިވާސީންގެ އަޑަށްވުރެ ބޮޑަށް އިސްކަންދެނީ ވިޔަފާރިތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނެ، އެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ބްރެޒިލް ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، އދ. އިން ބުނީ މި ހާދިސާގެ ސަބަބުން ސަމިޓުގެ މަސައްކަތްތަކަށް މާ ބޮޑު ހުރަހެއް އެޅިފައިނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް