ޔާމީނުގެ އަމިއްލަ ގެ، ހ. ދޫވެހީގެ ބެލްކަނީގައި ޖަލްސާ ބަލަން ފިޔާތޮށި ހުސްގޮނޑިއެއް ނެރި ބަހައްޓާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ޕީއެންސީ މިރޭ ބާއްވާ ޖަލްސާގައި ބޮޑުތަކުރުފާނު މަގުގައި ހަރުކޮށްފައިވާ އެއް ސްކްރީންވެސް ހުރީ ޔާމީންގެ ގޭގެ ބެލްކަނީއާ ދިމާއަށް ވާގޮތަށް އަނބުރާފައި ބަހައްޓާފައެވެ.
ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވާތީ ހެންވޭރުގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ. އަދި މިޖަލްސާއަށްް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގެނެސްފައެވެ.
ރައީސް މުއިއްޒާ އެމަނިކުފާނުގެ އިސް މުޝީރު އަބްދުއްރަހީމް ރިޔާސީ ކެމްޕެއިންގައި ޔާމީންގެ ނަން ޖެހި ހުސް ގޮނޑިއާއި އެކު
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކެމްޕެއިންގައި ބޭއްވި ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީންގެ ނަން ޖެހި ހުސް ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްްފަހު ޔާމީންއާއި ގުޅުން ގޯސްވެ ސަރުކާރުގައި އިސްކޮށް ތިއްބެވި ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނށް ބަހުގެ ހަމަލާތައް ދީ ފާޑުކިޔަމުންނެވެ.