ރައީސް މިހެން ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަންކަން އިއުލާނު ކުރި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސްގެ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ދައުލަތްވެރިކަމާއި އަމިއްލަ ނިންމުމެއް ނިންމުމަށް ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތަށް ތާއީދުކުރުމުގައި އެ މަނިކުފާނު އަދި ދިވެހި ރައްޔިތުން ދެމިތިބޭނެ ކަމުގައި އެެވެ.
1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިންސާފުވެރި އަދި މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ގޮވާލުމުގައި ދުވަހަކުވެސް ފަހަތަށް ނުޖެހުމަށާއި އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް ބައިނަލްއަގްވާމީ މުޖުތަމަރު ގޮވަލާ ގޮވާލުމގައި ފަހަތަށް ނުޖެހި ކުރިޔަށް ދިއުމަށް ރައީސް ވަނީ ގޮވަލައްވާފައި އެވެ.
ރައީސްގެ ޕޯސްޓުގައިވަނީ މި ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މަހްމޫދު އައްބާސްއާއި، ބޮޑުވަޒީރު މުހައްމަދު މުސްތަފާއާއި، ސަރުކާރާއި، ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައި އެވެ.
ފަހުގެ ތާރީހެއްގައި ޔަހޫދީން އެންމެ ބޮޑު ޖަރީމާއެއް ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް އައިރު، 66,000އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި 160,000އަށްވުރެ ގިނަ މީހުން ވަނީ ޒަހަމު ކޮށްލާފަ އެވެ.