"ރީތިގަސް" ފްލެޓުތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ހަވާލު ކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.
ރީތިގަސް މަގުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބައެއް މުވައްޒަފުންނާ އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
އެޗް.ޑީ.ސީގެ މުވައްޒަފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރާއި، ކުންފުނީގެ ބޯޑު މެންބަރުންނާއި، އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް މުވައްޒަފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި މިމަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ތަރައްގީކޮށްފައިވެ އެވެ.
ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.