މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ނުދީ 150 މިލިއަން ރުފިޔާ ބެކްލޮގެއް އޮތެވެ. އެކަމަކު އެ ފައިސާ މަސްވެރިންނަށް ހަމަޖައްސައިދީ، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މިދިޔަ ޑިސެމްބަރުން ފެށިގެން ފައިސާ ދޫކުރަން ފަށާފައި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރައީސް ދެންމެ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ދާއިރާ އޮތީ ނިކަމެތިކޮށްލާފައިިކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަމުން ހާއްސަ އިސްކަމެއް ދެއްވިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާނެކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި އެވެ. އަދި ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އެބަދާ ކަމަށް ވެސް ރައީސް މިދިޔަ ސެޕްޓެމްބަރުމަހު ވަނީ ވިދާޅުވެފަ އެވެ.