މި ގާނޫނުގެ ސަބަބުން އުފެއްދުންތައް ތައްޔާރުކުރާ ފަރާތުގެ ހުއްދަ ނެތި އެތަކެތި ބޭނުންކުރުން ހުއްޓުވައި، އެފަރާތްތަކުގެ "އެކްސްކްލޫސިވް" ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ. މި ބިލް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކުގައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ފެށިގެން މިދިޔައީ ޓްރޭޑްމާކް ބިލު ފާސްކޮށް ގާނޫނަކަށް ވުމާ ގުޅިގެންނެވެ. ފިކުރީ މުދާ ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އެފަދަ ހައްގުތައް ރައްކާތެރިކޮށްދޭ ހާއްސަ އޮފީހެއް އަންނަ އަހަރު ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ކޮޕީރައިޓް ގާނޫނަށް ޒަމާނީ އިސްލާހުތައް ގެނައުމާއި، ބައިނަލްއަގްވާމީ "ބާން ކޮންވެންޝަން" ގައި ރާއްޖެ ބައިވެރިވުމަށްފަހު ސަރުކާރުން އަޅާ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގައި "ކްރިއޭޓިވް އިންޑަސްޓްރީ" އެއް އުފައްދައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ. ދާދި ފަހުން އަމަލުކުރަން ފެށި ޓްރޭޑްމާކް ގާނޫނުގެ ދަށުންވެސް، އޮޅުވާލައިގެން މުދާ ވިއްކުމާއި "ކައުންޓަފީޓް" ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ދާއިރާއަށް ވަނީ ބޮޑު ރައްކާތެރިކަމެއް ހޯދައިދީފައެވެ. މި އާ ޕޭޓެންޓް ގާނޫނާ އެކު، އުފެއްދުންތެރިންގެ ހައްގުތައް އިތުރަށް ކަށަވަރުވެގެންދާނެއެވެ.