ads
މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު
"ޑީސެންޓް ވާކް ޕްރޮގްރާމް" ގައި ރާއްޖެއިން ސޮއިކޮށްފި
ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރި މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށްޓަކައި 'ޑީސެންޓް ވާކް ކަންޓްރީ ޕްރޮގްރާމް' (ޑީޑަބްލިއުސީޕީ) ގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
Advertisement

މިއީ ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން 2031 ގެ ނިޔަލަށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި އެއްބަސްވުމަކީ ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށާއި ލޭބާ މާކެޓު ހަރުދަނާ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރީ ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތަކުންނެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ވަނީ މި އެއްބަސްވުމުގައި ބައިވެރިވެ ސޮއިކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަބުރުވެރި މަސައްކަތްތައް ކުރިއެރުވުމާއި، އިންސާފުވެރިކަމާއެކު އެއްވެސް ތަފާތުކުރުމެއް ނެތި ވަޒީފާ އަދާކުރެވޭނެ ފަހި މާހައުލެއް ބިނާކުރުން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގެ ދަށުން މައިގަނޑު ތިން ދާއިރާއަކަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އިންސާނީ ތަރައްގީ ކުރިއެރުވުމާއި، އިންޓަނޭޝަނަލް ލޭބާ ސްޓޭންޑަޑްތައް ރާއްޖޭގައި ބަލައިގަނެ ތަސްދީގުކުރުން އިތުރުކޮށް، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން ހިމެނެއެވެ. ހަމައެއާއެކު، ޖެންޑާ ހަމަހަމަކަން ގާއިމުކޮށް، އިޖުތިމާއީ މަޝްވަރާގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޓަނޭޝަނަލް ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް