މި ކަން ހިނގާފައިވަނީ އިންޑިއާގެ އުދައިޕޫރުގައި ބޭއްވި ކައިވެންޏެއްގެ ހަފުލާއެއްގައެވެ.
އިންޑިއާގެ އެންއާރުއައި ވިޔަފާރިވެރިއެއްގެ ދަރިފުޅެއްގެ ކައިވެނީގެ މި ހަފުލާގައި ރަންވީރު ވަނީ ހާއްސަ ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭނާގެ ހުށަހެޅުމުގެ ތެރެއިން، ހަފުލާގައި ބައިވެރިވި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އޭނާގެ ލޯބިވެރިޔާއަށް ސްޓޭޖަށް އަރައި ނެށުމުގައި ބައިވެރިވުމަށް ރަންވީރު ދައުވަތު ދިނެވެ.
މި ދެ ތަރިން އެކުގައި ސްޓޭޖްމަތީގައި ނެށި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފައެވެ. ބޮލީވުޑްގެ މަޝްހޫރު އެކްޓަރަކާއި އެމެރިކާގެ ސިޔާސީ އާއިލާއެއްގެ މެންބަރަކު އެކުގައި ނެށުމަކީ ގިނަ ބަޔަކު ހައިރާންކުރުވި ކަމެކެވެ.