ރާއްޖޭގެ 157 ރަށެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް މުހިއްމު މަޝްރޫއުތަކެއް ފާއިތުވި މުއްދަތުގައި ވަނީ ހިންގާފައެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، އަލަށް ފޮނުވި ޖެނެރޭޓަރުތަކުގެ ތެރޭގައި 2024 ވަނަ އަހަރު ފޮނުވި 57 ޖެނެރޭޓަރާއި މިހިނގާ އަހަރު ފޮނުވި 36 ޖެނެރޭޓަރު ހިމެނޭ ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު 48 ޖެނެރޭޓަރު ގެނައުމަށް މިހާރު އިއުލާންކޮށްފައިވާކަން ނަޖާހު ފާހަގަކުރެއްވިއެވެ. އަދި ޖެނެރޭޓަރުތައް މަރާމާތުކޮށް އޯވަހޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 47 ޖެނެރޭޓަރެއް އޯވަހޯލް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަރަންޓުގެ ހިދުމަތުގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ފެނަކައިން ބުންޏެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި 48 ރަށެއްގައި ފެނުގެ ހިދުމަތް ގުޅައިދީ، 28 ރަށެއްގައި ނަރުދަމާގެ ހިދުމަތް ވަނީ ގާއިމްކޮށްދީފައެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިއުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން، އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކޮށް، ހަމައެކަނި 2024 ވަނަ އަހަރު ވެސް ތެލަށް ކުރާ ހަރަދުން 4.8 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.