ރައީސް މިހެން ވިދާޅުވީ މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު އެ އަވަށުގައި ފަށާނެ އެންމެ ބޮޑު އެއް މަޝްރޫއަކީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން ކަމަށާއި އެއީ ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭނެ ތަނެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ 1200 މީހުންނަށް ތިބެވޭ ގޮތަށް ހަދާނެ ތަނެކެވެ.
ސްޕޯޓްސް ކޮމްޕްލެކްސް އިތުރުން، ވިލިމާލޭގައި މިހާރު އޮތް ފުޓުބޯޅަ ކުޅޭ ދަނޑުގެ ފެންވަރު މަތި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ފީފާ ސްޓެންޑަޑަށް އެ ދަނޑު ބަދަލުކުރަން ނިންމައި އެކަން ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާއިން އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭގައިވެސް ކުރިޔަށް އޮތް އަހަރު މުހިންމު ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.