މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރު ކުރި ބަންޑާރަ ނާއިބު އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒްގެ ފިރިމީހާ އަޒްހާދު އަތުން ފެނުނު ކަމަށް ފުލުހުން ތުހުމަތު ކުރާ މަސްތުވާތަކެތި، ޓްރެފިކިން މިންގަނޑަށް ފެތޭކަން ކުރީގެ ބަންދު އަމުރުތަކުންވަނީ ހާމަވެފައެވެ.
މިދިޔަ މަހު، ވަނީ ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް, ފައެނާ އާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހަދު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ފައެނާ ވަނީ ޖެހިގެން އައި ދުވަހު މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ދޫކޮށްލާފައެވެ. އެކަމަކު، އޭނާގެ ފިރިމީހާ އޭރުއްސުރެ ހުރީ ބަންދުކޮށްފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފައެނާގެ ފިރިމީހާގެ ބަންދު ދެތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން އޭނާގެ ބަންދަށް ޖެހީ 15 ދުވަހަ އެވެ. އެއީ މިއަދު އެވެ. އެއީ ކުރިން ޖެހި 16 ދުވަސް ހަމަވެގެންނެވެ. މިއަދުގެ އަމުރުގައިވާ ގޮތުން، ފައެނާ ފައްޔާޒްގެ ފިރިމީހާގެ ފޯނުން މަސްތުވާތަކެތީގެ ފޮޓޯއާއި، މުއާމަލާތްތައް ފެނިފައިވާ ކަމަށް ކޯޓުގައި ފުލުހުންވަނީ ބުނެފަ އެވެ.
ކުރީގެ ބަންދު އަމުރުން އެނގޭ ގޮތުގައި ފައެނާއާއި އަޒްހަދު ދިރިއުޅޭ އެޕާޓްމެންޓުން ހަތް ގްރާމްގެ ކެނަބިސް އަދި ނުވަ ގްރާމްގެ ޑައިމޯފިން އަދި 19 ގްރާމް 2މީތާއިލްމެތްކެތިނޯން ފެނުނެވެ. އަދި އެފަދަ ވިޔަފާރި ކުރާ މީހުން ގެންގުޅޭ ބައެއް ކަހަލަ އާލާތްތައް ވެސް އެ ތަނުން ފެނިފައިވާކަން އައިއޯއާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، ހުށަހަޅާފައިވާ ތަކެތީގެ ބަރުދަން ޓްރެފިކަން މިންގަނޑަށް އަރާކަން ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ފައެނާގެ ދެމަފިރިން ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓަކުންނެވެ. އެއީ އެ ދެމަފިރިން އުޅޭ އެޕާޓްމެންޓް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ފައެނާ ދޫކޮށްލި ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ފިރިމީހާވަނީ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ، ސީނުގައި ހަވާލުވެފަ އެވެ.
ފައެނާ އަކީ ބަންޑާރަ ނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަން ވެސް ބަލަހައްޓަވާ ވަކީލެވެ. ފައެނާ އޭޖީ އޮފީހުގައި ހިދުމަތް ކުރައްވާތާ ވަނީ 12 އަހަރު ވެފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމުގެ ގޮތުން އުފެއްދެވި ސިވިލް ރައިޓްސް އޮފީހުގެ ވެރިއަކަށް ފައެނާ ހަމަޖެއްސީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު 26 ނޮވެމްބަރު 2023ގަ އެވެ.