ޒަކާތު ފަންޑުން އެހީނުވާކަމަށް ބުނެ އައިޝާ ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ޝަކުވާތައް ބޭރުކޮށްލީ ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި. މިނިސްޓަރު ޝަހީމްވެސް އިންނެވިއެވެ.
ފަސް ދަރިން ތިބޭ މި އަންހެން މީހާ ވަނީ އޭނށާ އުޅޭ ދަތި ހާލުގެ ވާހަކަތައް އެ ބައްދަލުވުމުގައި ކިޔާދީފައެވެ. އަދި އެ ކުދިން ގޮވައިގެން އުޅެން ޒަކާތު އެހީއަށް އެދުމުން ޝަރިތު ހަމަނުވާކަމަށް ބުނެ އެހީ ނުވިކަމަށް އެމީހާ ވަނީ ބުނެފައެވެ.
މި ވާހަކަތައް ދެއްކުމުން މިނިސްޓަރު ޝަހީމް ވަނީ އެ އަންހެން މީހާގެ ޒާތީ މައުލޫތުތަކާއި ދައުލަތުން ދިން އެހީތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އެ އަންހެން މީހާއަށް ޒަކާތު ހައުސްއިން ދިން ފައިސާގެ އަދަދާއި އެކަނިވެރި މަޔަކަށް ވީތީ އޭނާއަށް ލިބޭ އެހީ އާއި އޭނާގެ މުސާރައާއެކު ލިބޭ ޖުމުލަ ފައިސާގެ އަދަދު ހާމަކޮށްފައެވެ. އަދި އެ އަންހެން މީހާގެ އަމިއްލަ ބޭންކު އެކައުންޓްގައި ފައިސާ ހުރި އަދަދުވެސް މިނިސްޓަރު ޝަހީމް ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އެ މީހާގެ އަމިއްލަ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދު ހޯއްދެވި ގޮތެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މީހެއްގެ ބޭންކް އެކައުންޓްގެ ތަފްސީލަކީ ކޯޓު އަމުރެއްގެ ދަށުން ނޫނީ ސަލާމަތީ ބާރުތަކަށްވެސް ނުލިބޭ މައުލޫމާތެވެ.
ޝަހީމްގެ އެ ޕޯސްޓާއި ގުޅިގެން މީހުން ފާޑުކިޔަން ފެށުމުން ޝަހީމް މިހާރު ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ.