ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި 2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 17 ފެބްރުވަރީ 2019 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށާއި، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.