ރައީސް މުއިއްޒު ވިލިމާލެގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އެ ތަނުގެ ބައެއް ރަށްވެހިން ވަނީ ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފަ އެވެ. އަދި އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން ރައީސް އެ ރޭ އިއުލާން ކުރެއްވި އެވެ.
ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ ވިލިމާލެ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މުލުގެ އުނދަގޫ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެ އަށް ކުރުމުވެ.
އެ ނިންމެވުމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ތިމާވެށި ހިމާޔަތް ކުރުމާއި ތާރީޚު ދިރާސާ ކުރެއްވުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ނަޝީދު ވަނީ އެ ނިކަގަހުގެ ތާރީޚަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން 1902އިން 1934އަށް ތަޚުތުގައި ރެދަލި ކުރެއްވި ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ވެސް އެ ގަސް ހުރީ ބިޔަކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ނިކަގަސްތައް ކަނޑަން ނިންމުމާ އެކު، ތިމާވެށީގެ ހިމަޔާތުގައި އަޑުއުފުލާ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ތަރައްގީގެ ނަމުގައި ވިލިމާލޭގެ ފެހިކަން ގެއްލޭ ގޮތަށް އެ އަވަށުގެ ގަސްތައް ކަނޑާއި މަގުތަކުގައި ތާރު އަޅަން އުޅޭތީ ވެސް ކުރިން ފާޑުކިޔެވެ.