މި ހަބަރުތަކާ އެކު އޭނާގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ އިހުތިޖާޖު ކޮށްފައިވާއިރު، ޖަލުގެ އިދާރާއިން ވަނީ އެ ވާހަކަތައް ދޮގުކޮށް، އިމްރާން ހާންގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ. ޖަލު އިދާރާއިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އޭނާ ހުންނެވީ ހަމަ އެ ޖަލުގައި ކަމަށެވެ.
އިމްރާން ހާންގެ ޕާޓީ، ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ގެ ސަޕޯޓަރުންނާއި އޭނާގެ އާއިލާގެ ބޭފުޅުން ބުދަ ދުވަހު ވަނީ އަޑިއާލާ ޖަލު ކައިރީގައި އިހުތިޖާޖެއް ފަށާފައެވެ. ކޯޓު އަމުރު އޮތް ނަމަވެސް އިމްރާން ހާން އާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ ފެށި މި އިހުތިޖާޖު ވަނީ ހޫނުވެ، ހާހުން ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެ ޖަލަށް ވަދެގަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފުލުހުންނާއި ޖަލު އޮފިޝަލުން، އިމްރާން ހާން އާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދިނުމުން އިހުތިޖާޖު ވަނީ ހުއްޓާލާފައެވެ.
ޖަލު އިދާރާއިން ބުނީ އިމްރާން ހާން އަށް ބޭނުންވާ ހުރިހާ ސިއްހީ އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު، ހަވާޖާ އާސިފް ވިދާޅުވީ އިމްރާން ހާން ޖަލުގައި އުޅެމުން ދަނީ ވަރަށް އަރާމުގައި ކަމަށެވެ. "ފަސްތަރީގެ ހޮޓަލަކުންވެސް ނުލިބޭނެ ފެންވަރުގެ ކާނާ" އޭނާއަށް ލިބޭ ކަމަށާއި، ޓީވީ، ކަސްރަތު ކުރާނެ ސާމާނު އަދި ވެލްވެޓް ގޮދަޑިއެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއީ އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ކަމަށެވެ.