މި އެހީއަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އަމާޒުކޮށް ޖަޕާނުން ހިންގާ ޕްރޮގްރާމެއްގެ ދަށުން، ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަންތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ފޯރުކޮށްދިން އެހީއެކެވެ.
މި އެހީގެ ދަށުން ޖަޕާނުން ވަނީ ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ފުލުހުންނާ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި އުޅަނދުތައް ފުލުހުންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯއެވެ. މި އެހީގެ މަޝްރޫއުއަކީ 2022 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
ޖަޕާން އެމްބަސީން ބުނި ގޮތުގައި، މި އާ އުޅަނދުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކަށާއި، ސަލާމަތީ އެހެނިހެން ހާދިސާތަކަށް ފުލުހުންނަށް އަވަހަށް އިޖާބަދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ކުރާ ދުވަހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުވެގެންދާނެ ކަމަށްވެސް ޖަޕާން ސަރުކާރުން ދެކޭކަމަށް އެމްބަސީން ބުންޏެވެ.