ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު "ސީއެންއެމް" އަށް މިރޭ ވިދާޅުވީ ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ރިޕޯޓް ލިބުނު ނަމަވެސް މިހާރު އެމީހުންނާއި އާއިލާ އާއި ގުޅިއްޖެ ކަމަށެވެ.
މިހާރު އެ އާއިލާ ތިބީ އެމީހުންގެ އެކުވެރިއެއްގެ ގޭގައި ކަމަށާއި އާއިލާ އެންމެންގެ ހެޔޮ ހާލުގައި ތިބި ކަމަށް ސަފީރު ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ"ގެ ސަބަބުން ލަންކާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، އެކި އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ޑިޓުވާ'ގައި ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 21 މީހަކު ގެއްލިފައިވާއިރު، 10 މީހަކަށް އަނިޔާވެފައިވެ އެވެ.