ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މި ހަފްތާ ތެރޭ 132 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ގެއްލުނު މީހުންގެ އަދަދު 168 އިން މައްޗަށް އަރާކަމަށްވެސް އެގައުމުން ބުނެއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ބޭނުންވާ އެގައުމުގައި ތިބި ދިވެހިން ރިޕޯޓުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަަށެވެ.
"އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެހީތެރިވަނީ. ވިއްސާރައިގެ ސަބަބުން ޒަރޫރީ އެއްޗެއް ހޯދޭނެ ގޮތް ފަރާތްތަކަށް އެހީތެރިވަނީ'" އެމްބަސީން ބުންޏެއެވެ.
އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ދިވެހި އެމްބަސީން ބުނެއެވެ. ދިވެހިންގެ އިތުރުން ލަންކާގެ ރައްޔިތުންނަށްވެސް އެހީވާން މަސައްކަތް ކުރަމުން އަންނަކަމަށް އެމްބަސީން ބުނެ އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ.
އާންމު ދިރިއުޅުމަށް އަސަރު ކުރުމުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފަ އެވެ. އޭގެއިތުރުން ޓްރެއިން ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.