މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރެޑް ކްރެސެންޓުންގެ ސެކެރެޓަރީ ޖެނެރަލް ފާތިމަތު ހިމްނާ ވިދާޅުވީ ކޮވިޑް-19 އަށް ތައްޔަރުވެ އަދި އިޖާބަ ދިނުމުގެ ގޮތުން ރެޑް ކްރެސެންޓުގެ ފަރާތުން ކުރެވިފައިވާ ހުރި ގިނަ މަސައްކަތްތައް މިހާރު އަމާޒު ކުރަނީ ބިދޭސީންނަށް ކަމަށެވެ.
ހިމްނާ ވިދާޅުވީ އެޖަމިއްޔާގެ ފަރާތުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ އިންސާނިއްތަކު ކަން އިސްކޮށް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު އިންސާނީ އެހީ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ.
ހިމްނާ ވިދާޅުވީ ބިދޭސީން އުޅެން ޖެހިފައިވާ ހާލަތާއި ދިމާވެފައިވާ ދަތިކަން ދިވެހިންނަށް ބަލާއިރު ގިނަކަމާއި އެމީހުންގެ އަދަދު އިތުރުވެފައި އެމީހުން އުޅޭ ހާލަތާއި ނިކަމެތި ކަމުގެ ސަބަބުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެން ޖެހޭ ކަމަށެވެ.
އެމީހުންނަށް ފަރުދީ ޒިންމާގެ ގޮތުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމްނާ ވަނީ ގޮވާލައްވާފައެވެ.
އޭގެ އިތުރުން ހިމްނާ ވަނީ މިވަގުތު އެހީތެރިވާން ޖެހޭނީ ހަމައެކަނި ރާއްޖޭގައި ގަވައިދުގެ ތެރެއިން އުޅޭ ބިދޭސީންނަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ލިޔެކިޔުމެއް ނެތި އުޅުން ނަމަވެސް އެމީހުންނަށް އެހީތެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދޭން މޯލްޑިވްސް ރެޑްކްރެސެންޓުން މިމަހުގެ އެއް ވަނަ ދުވަހު ފަންޑެއް ހުޅުވާފައިވާއިރު އެފަންޑަށް މިހާތަނަށް 190000 ހާސް ރުފިޔާ ވަނީ ލިބިފަ އެވެ.