ރައީސް މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށެވެ.
ކްރިސްޓަބެލް ކޮލޯން ކިޔާ ޑްރެޖަރު އިއްޔެ ރަސްމާލެ ސަރަހައްދުގައި މޮބިލައިޒްވެ، ރޭ ފަތިހު ވެލި ނަގަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މެންދުރު ކުރިން ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރަސްމާލޭގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިން ވިދާޅުވި މުއްދަތަށް އެ މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ކުރަން ބޮޑު ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފެށިއިރު، އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.