ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ މ. ފެހިވިދުވަރު އިސްމާއީލް ޝަމްއޫންއާއި ޏ. ފުވައްމުލައް، ހޯދަޑު، މަރިޔަމް ދީނާ ސޯލިހުގެ މައްޗަށް ކަމަށެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމް ހަރުކުރުމާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރެއްގެ އިތުރުން ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫއެކެވެ. ދައުވާ އުފުލާފައިވާ ދެ މީހުން ވަނީ އެ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް، އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ދޫކުރުމުގައި، އެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަންނާނެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ މިފަދަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.