ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމީ 50،000 ޑޮލަރާއި 25،000 ކޭސް މަސް ދަޅެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ބޯޓު އެމްއެސްއެސް ގަލޭނާ 25،000 ކޭސް މަސް ދަޅު ހިމެނޭ 14 ކޮންޓެއިނަރާއެކު ލަންކާއަށް ރޭ ދަތުރު ފަށާފައިވާކަމަށެވެ.
ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި ފައިސާ އެ ގައުމާ ވަނީ ހަވާލުކޮށްފައެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރު ދިން ފައިސާގެ އެހީ ލަންކާގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ފައިސާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.
ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން ލަންކާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން އިރު ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލަތޯނުން ވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ