ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި ކަމަށް ބުނެ ސަރުކާރުގެ ފަރާތުން ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދުއެވެ.
މި ބިލުގައިވާ ގޮތުން 'ޒަކާތުގެ ފަންޑު' އުފެއްދުމާ އެކު، އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް އެކައުންޓާ ވަކިންނެވެ. އަދި މި އެކައުންޓް ގާއިމުކޮށް ބަލަހައްޓާނީ މަރުލަޒީ ބޭންކު އެމްއެމްއޭއިންކަމަށް ބިލުގައިވެއެވެ.
ޒަކާތު ފަންޑުގެ ކަސްޓޯޑިއަނެއްގެ ގޮތުގައި މަސައްކަތްކުރާނީ އެމްއެމްއޭއެވެ. ކަސްޓޯޑިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ޒަކާތު ފަންޑުގެ އެކި އެކައުންޓުތައް އެމްއެމްއޭގައި ހުޅުވައި ބަލަހައްޓައި ފަންޑުގެ އިންފްލީ އަދި އައުޓްފްލޯ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރުންކަމަށް ބިލުގައިވެއެވެ.
މީގެއިތުރުން ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ތެރޭ ޒަކާތު ކައުންސިލެއް އުފައްދަން ޖެހެއެވެ. އަދި ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭ ކަންކަމުގައި ޝަރުއީ ލަފާ އާއި އިރުޝާދު ދިނުމަށް ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ 'ޝަރުއީ އެޑްވައިޒަރީ ކޮމިޓީ'އެއް ވެސް މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހެއެވެ.
އަލަށް އަމަލުކުރަން ފަށާ މި ގާނޫނުގައިވަނީ ގާނޫނާއި ހިލާފުވާ މީހުންނަށް ދޭނެ އަދަބުތައްވެސް ކަނޑައަޅާފައެވެ. އެގޮތުން ޒަކާތް ނެގުމާއި ބެހުމާއި އަދި އިންވެސްޓުކުރުމުގެ އެއްވެސް ކަމެއްގައި ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، 1000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ގާނޫނުގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތު ފައިސާ ހޯދުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެއް ކަމަށް ވެސް ގާނޫނުގައިވަނީ ކަނޑައަޅާފައެވެ.